ވިޔަފާރި

އިޓަލީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އިޓަލީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 14 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބީ.އައި.ޓީ ފެެއަރއަކީ ފިއޭރާ މިލާނޯއިން އިންތިޒާމްކުރާ ފެއަރއެކެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ފެއަރ ކުރިއަށްދަނީ ވާޗުއަލްކޮށެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ 6 ކުންފުންޏަކުން 7 ފަރާތަކުން މިއަހަރުގެ ފެއާގައި ވަނީ ބައިވެރިވެފައިއެވެ.

6 ދުވަހުގެ މިފެއާގައި ފުރަތަމަ 3 ދުވަސް އަމާޒްކޮށްފައިވަނީ އިޓަލީ މާކެޓްގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް އިތުރުކުރުމަށް މަސައްކަތްކުރުމަށެވެ. އަދި ފެއަރގެ ފަހު 3 ދުވަހު ރާއްޖެއަކީ މަޤްބޫލު އަދި ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ސީދާ އިޓަލީ މާކެޓްގެ ފަތުރުވެރިންނަށް އިޝްތިހާރުކުރުމަށް، ބިޒްނަސް ޓު ކޮންސިއުމަރ، ބީ.ޓު.ސީ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ކޯވިޑް-19 ހާލަތު ކުރިމަތިވުމުގެ ކުރިން އިޓަލީ މާކެޓަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރަމުން އައި އެއް މާކެޓެވެ. މިގޮތުން 2019 ވަނަ އަހަރު 136343 ފަތުރުވެރިން ވަނީ އިޓަލީއިން އިން ރާއްޖެއަށް ރާއްޖެއަށް ޒިޔާރަތަކައެވެ. މިއީ2018 ވަނަ އަހަރާ އަޅާ ބަލާއިރު % 29.5ގެ ކުރިއެރުމެކެވެ.

2020 އަހަރު ކޯވިޑް-19 ގެ ސަބަބުން އިޓަލީ ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު ދަތުރުފަތުރު ކުރުންތައް މަނާވެ، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށަށް ދިޔަ ނަމަވެސް ހާލަތު ރަނގަޅުވެ އަލުން ދަތުރުފަތުރު ކުރުމަށް ހުއްދަ ލިބުނުހާ އަވަހަކަށް އަނެއްކާވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އިޓަލީން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އިންޓަލީގައި ރާއްޖެ އިޝްތިހާރުކޮށް މަޤްބޫލް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޖޮއިންޓް ވެބިނާ، ޑިޖިޓަލް އެޑްސް އަދި އެއާލައިން ތަކާއި ޓުއާ އޮޕަރޭޓަރުންނާއި އެކީ ކުރިއަށް ގެންދާ ޖޮއިންޓް ކެމްޕޭންތައް ފަދަ ބީ.ޓު.ބީ އަދި ބީ.ޓު.ސީ ހަރަކާތްތައް ހިމެނެއެވެ. އަދި ތަފާތު މީޑިއާ ތަކާއި އެހެނިހެން ހިއްސާދާރުންނާއި އެކީ ކުރިއަށް ހިންގޭނެ ކެމްޕޭންތަކާއި، ޑެސްޓިނޭޝަން ޓްރެއިނިން ފަދަ ހަރަކާތްތައް ވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.