ފިލިޕީންސްގެ އިޤްޠިޞާދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލަފާކުރިވަރަށްވުރެވެސް މާބޮޑަށް ދަށްވެއްޖެއެވެ. މިއާއެކު ސެންޓަރަލް ބޭންކުން އިންޓްރެސްޓް ރޭޓް ރެކޯޑް ޢަދަދަކަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔައަހަރުގެ މާރިޗް ކުއާޓަރުގައި އެޤައުމުގެ ޖީޑީޕީ ވަނީ %4.2އަށް ދަށްވެފައެވެ. މިއީ ކޯވިޑްގެ ބަލިމަޑުކަމާއި ފުރަބަންދުގެ ތެރޭގައި ޖެހިޖެހިގެން ޖީޑީޕީ ދަށަށްދިޔަ 5ވަނަ ފަހަރެވެ. މިއާ ޚިލާފަށް މިދިޔަ އަހަރު ކުރީގެ ކުއާޓަރުގައި %8.3ގެ ދަށްވުމަކަށްފަހު ރޮއިޓަރސް ޕޯލްގައި އިޤްޠިޞާދީ މާހިރުން ލަފާކުރީ %3ގެ ދަށްވުމެއް އަންނާނެކަމަށެވެ.
ކޯވިޑްގެ މި ބަލިމަޑުކަމަށްފަހު އިޤްޠިޞާދު އާރާސްތުކުރަން މަސައްކަތް ފަށާއިރު ފިލިޕީންސްގެ އިޤްޠިޞާދުވާނީ ދެކުނު އިރުމަތީ ޤައުމުތަކުގެ ތެރެއިން އާރާސްތުކުރަން އެންމެ ލަސްވާނެ އިޤްޠިޞާދު ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ.
ވެރިރަށް މެނީލާގައި ހުންނަ ސެކިއުރިޓީ ބޭންކްގެ އިޤްޠީޞާދީ މާހިރު ވިދާޅުވާގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތައް އަލުން ފަށައި ކޮންސިއުމަރުންގެ އިތުބާރުން ހޯދުމެވެ. ފިލިޕީންސްގެ އިޤްޠިޞާދު މިގޮތަށް ދާނަމަ ކޯވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން އޮތް ޖީޑީޕީ ލެވެލްއަށް އެންމެ އަވަހަށްވެސް ވާސިލްވެވޭނީ މިއަންނަ އަހަރު މެދުތެރޭގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައިގަނޑު އިޤްޠިޞާދީ ދާއިރާތައް ކަމުގައިވާ ދަނޑުވެރިކަމުން %1.2ގެ ދަށްވުމެއް އައިއިރު ޚިދުމަތްތަކާއި އިންޑަސްޓްރީއަށް ވަނީ %4.7ގެ ދަށްވުމެއް އައިސްފައެވެ. މީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ތަކެތިން %4.8އަށް ދަށްވެފައި ވީނަމަވެސް ސަރުކާރުން ޚަރަދުކުރާވަރު ވަނީ %16.1އަށް އިތުރުކޮށްފައެވެ.
18000އަށްވުރެ ގިނަ މީހުން މަރުވެ މިލިއަނަކަށްވުރެ ގިނަމީހުންނަށް ޖެހިފައިވާ ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަން މުޅި ދެކުން އިރުމަތީ އޭޝިއާގެ ޤައުމުތަކުން ވަނީ ތަޙައްމަލުކުރަންޖެހިފައެވެ.