ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އިންފްލޭޝަން މައްޗަށް


2008ވަނަ އަހަރުގެ ސެޕްޓެމްބަރަށްފަހު އެމެރިކާގައި އަނެއްކާވެސް އިންފްލޭޝަން މައްޗަށް ހިގައްޖެއެވެ. މިދިޔަ 12 މަސްދުވަހުގެ ތެރޭގައި ތަކެތީގެ އަގުތައްވަނީ %2.6އިން %4.2އަށް އުފުލިފައެވެ. މީގެ ސަބަބުން އިންފްލޭޝަން ރޭޓް އަދިވެސް މައްޗަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އެމެރިކާގެ ލޭބަރ ޑިޕާރޓްމަންޓުގެ ރިޕޯޓްގައި ބުނެފައިވެއެވެ.

މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް މިންކުރާ އެއްޗަކީ އިންފްލޭޝަން ކަމަށްވާއިރު ވެހިކަލާއި ކާބޯތަކެތީގެ އަގު އޭޕްރީލް މަހުވަނީ މަތިވެފައެވެ. މާރިޗް މަހާ އަޅާބަލާއިރު މިހާރު ސެކަންޑް ހޭންޑް ކާރުގެ އަގު ވަނީ %10 އިތުރުވެފައެވެ. އަދި ހަކަތާއާއި ކާބޯތަކެތީގެ ކޯ ޕްރައިސް އިންޑެކްސް ވަނީ %3 އިތުރުވެފައެވެ.

ތަކެތީގެ އަގު މަތިވަމުންދިއުމުގެ ސަބަބުން ސެންޓްރަލް ބޭންކުން އިންޓްރޭސްޓް ރޭޓް ލަފާކުރިވަރަށްވުރެ އަވަހަށް މަތި ކުރާނެކަމުގައި ބުނެ އިންވެސްޓަރުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން މިދިޔަ އޭޕްރީލް މަހު ދަތުރުފަތުރުކުރުމުގެ ލުއި ދީފައިވުމުގެ ސަބަބުން އުދުހުންތަކުގެ އަގުވަނީ %9.6އަށް އިތުރުވެފައެވެ.

އިންފްލޭޝަންގެ ސަބަބުން ފެޑެރަލް ރިޒާރވްގެ ޓާގެޓްކަމަށްވާ %2އަށް އަންނަނީ ބުރޫއަރަމުންނެވެ. މީގެ ސަބަބުން އިންޓްރެސްޓް ރޭޓް މަތިކުރަން ޖެހިދާނެކަމުގެ ބިރުހީވާކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މާރޗް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ 1.9 ޓްރިލިއަން ޑޮލަރުގެ އިޤްޠިޞާދީ ރިލީފް ބިލެއްގައި ސޮއި ކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ މަހު ބައިޑަންވަނީ ތަޢުލީމަށާއި ވަޒީފާތަކަށާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ޚަރަދުކުރުމަށް ތައްޔާރީތައް ވަމުންދާކަމުގައިވެސް ވިދާޅުވެފައެވެ.