ޚަބަރު

އިސްރާއީލުގެ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް މަޖިލީހުން ގޮވާލައިފި


އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، އެއަމަލުތައް ވަގުތުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.

ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް، އިސްރާއީލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލްގެ ލާއިންސާނީ އަނިޔާތަކަކީ ބަލައި ގަނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، އަދި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ޚިލާފު، މެދުއިރުމަތީގެ ސުލްހަވެރިކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ ޢަމަލެއްކަމަށް މަޖިލީހުން ވިދާޅުވެފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކުގައި ކަމަށާއި، އަދި ފަލަސްތީނުގެ
ރައްޔިތުންނަށް މަދަދުވެރިވުންމަތީގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން މަޖިލީހުން ވަނީ ދެއްވާފައެވެ. ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދައުލަތުގެ އެކި މުއައްސަސާތަކުން ދަނީ ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.