ޚަބަރު

ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށް ހަމަލާދެވުނު ގޮތުގެ އިންކުއަރީ ހެދުމަށް މަޖިލީހުން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށް އެމަނިކުފާނަށް ހަމަލާ ދިން ގޮތުން އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ހެދުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 42 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ މައިގަނޑު 6 ކަމަކަށް ލަފާދީފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކޮމިޓީން ހުށަހަޅާފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސަލާމަތީ ޚިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް 06 މޭ 2021 ވަނަ ދުވަހުގެ ރޭ އެ ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއެއް ހިންގުމަށެވެ.

މިއިންކުއަރީ ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ޤާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ އިންކުއަރީ ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ހަމައެއާއެކު މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެކްސްޕާރޓުންގެ އެހީތެރިކަން ހޯދުމަށްވެސް ކޮމިޓީންވަނީ ނިންމާފައެވެ.

ކޮމިޓީންވަނީ މިމައްސަލަ ފުލުހުން މިހާރު ތަހުގީގް ކުރަމުންދާއިރުވެސް، އެއިދާރާއިން އަމަލުކުރުމަށް ކޮމިޓީއަށް ފެންނަ ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، މައްސަލަ، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދިނުމަށާއި، އެ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށް ވަނީ ލަފާދެއްވާފައެވެ

އަދި މި މައްސަލައިގެ ތަޙްޤީޤުކުރިއަށްދާއިރު، ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ޤާބިލް ބޭފުޅުންގެ އެހީތެރިކަން ހޯއްދަވައިގެން ތަޙްޤީޤު ކުރިއަށް ގެންދެވުމަށާއި، ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ތަޙްޤީޤާގުޅޭ އެންމެހައި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޙިއްޞާކޮށްދެއްވުމަށް ވަނީ ލަފާދީފައެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރަމުންދާއިރު ކޮމިޓީން އެކަން ޤާތުން ބަލަމުން ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މިމައްސަލައިގައި މިއަދު ވާހަކަ ދެއްކެވި ގިނަ މެމްބަރުންވަނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް މިދެވުނު ހަމަލާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގެ ޑިމޮކްރަސީއަށް އަމާޒުކޮށް ދެވުނު ހަމަލާއެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.