ދުނިޔޭގެ ވިޔަފާރި

ފުރަތަމަ ކުއާޓަރަށްފަހު ޗައިނާގެ އިޤްޠިޞާދީ ދުވެލި މަޑުޖެހިއްޖެ


ކާރުޚާނާތަކުގެ އުފެއްދުންތައް މަދުވެ، މާހިރުންގެ ލަފަޔަށްވުރެ ވިޔަފާރިތައް ދަށްވުމުގެ ސަބަބުން ފުރަތަމަ ކުއާޓަރަށްފަހު ޗައިނާގެ އިޤްޠިޞާދީ ދުވެލި މަޑުޖެހިއްޖެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓޭޓިކްސްއިން ހޯމަ ދުވަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކާރުޚާނާތަކުގެ އުފެއްދުންތައް މާރިޗްމަހު 14.1 އިންސައްތައިގައި ހުރިއިރު މި އަދަދު މިހާރުވަނީ 9.8 އިންސައްތައަށް ދަށްވެފައެވެ.

ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ 18.3 އިންސައްތައަށް އިތުރުވެފައިވުމާއެކު މިއަހަރު 8 އިންސައްތައަށް ޖީޑީޕީ އިތުރުވެގެންދާނެކަމަށް ގިނަ އިޤްޠިޞާދީ މާހިރުން ލަފާކުރެއެވެ. ދުނިޔޭގެ އުފެއްދުންތައްވެސް މަދުވުމާއި އަޅާކިޔުމުގެ ބޭސަސް މަތިވުމުގެ ސަބަބުން ކުރިއަށްހުރި ކުއާޓަރުތަކުގައި މާބޮޑު ކުރިއެރުމެއް އިޤްޠިޞާދަށް ނާންނާނެކަމުގެ އިންޒާރުވެސް ބައެއް ފަރާތްތަކުންދެއެވެ.

އޭޕްރީލްމަހު ޤައުމުގެ އިޤްޠިޞާދު ރަނގަޅުވީކަމުގައި ވީނަމަވެސް އެތެރޭގެ އިޤްޠިޞާދުގެ ފައުންޑޭޝަން އެހާ ވަރުގަދަ ނޫންކަމުގައި އެންބީސީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މާޗުމަހުގެ ރީޓެއިލް ވިޔަފާރި 34.2 އިންސައްތައަށް އަރައިގެން ދިޔައިރު އޭޕްރީލްމަހު ވަނީ 17.7 އިންސައްތައަށް ދަށްވެފައެވެ. މިއީ މާހިރުން ލަފާކުރި އަދަދަށްވުރެ 24.9 އިންސައްތައިގެ ދަށްވުމެކެވެ.

ގޭގޭގައި ހިފައި ގެންގުޅޭ ސާމާނުގެ ވިޔަފާރި މާރިޗްމަހު 38.9 އިންސައްތައިގައި ހުރިއިރު މިހާރު 6.1 އިންސައްތައަށް ވެއްޓިފައިވާކަމަށް އެންބީސީގެ ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ކާރުޚާނާތަކާއި މެޝިނަރީތަކަށް ކޮށްފައިވާ އިންވެސްޓްމަންޓް މީގެ އެއް އަހަރުކުރިން ފުރަތަމަ 4 މަސްދުވަހު 19.9 އިންސައްތައަށް އިތުރުވެފައިވީނަމަވެސް އިތުރުވަމުންދަނީ ވަރަށް މަޑުމަޑުންނެވެ. މި އަދަދު 19 އިންސައްތައަށް އިތުރުވާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.

އަމިއްލަ ވިޔަފާރިތަކުގެ ހަރުމުދަލުގެ އިންވެސްޓްމަންޓް ޖެނުއަރީން އޭޕްރީލަށް 21 އިންސައްތައަށް އިތުރުވެފައިވީނަމަވެސް މިއީ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ކޮންމެވެސް ވަރެއްގެ ދަށްވުމެކެވެ.