އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންގެ ހަމަލާތައް އަނެއްކާވެސް އިތުރުވެ، ފަލަސްޠީނުގެ ކުށެއްނެތް އެތައް ރައްޔިތުންނެއް ޝަހީދުކޮށްލުމާއެކު، ފަލަސްޠީނުގެ ހައްޤުގައި ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅޭ މުސްލިމުން ވަނީ ތެދުވަން ފަށާފައެވެ. ޒަމާނުއްސުރެ ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލާ ދިވެހިންވެސް މިވަނީ މިކަމާ ދެކޮޅަށް ވަރުގަދައަށް ތެދުވެފައެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ޚާއްސަ ދިދަ ކެމްޕޭނެއް މިހާރު ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް މިވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދުނިޔެއަށް ވަަރުގަދަ މެސެޖެއް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ފެށުނީންސުރެ އަންނަނީ ފަލަސްޠީނުގެ ހައްޤުގައި ބައިނަލްއަޤްވާމީ ދުނިޔޭގައި ވަކާލަތުކުރަމުންނެވެ. ފަލަސްޠީނުގައި މިނިވަން ދަޢުލަތެއް ޤާއިމުކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމުތަކުގައި ދަނީ ވަކާލާތުކުރަމުންނެވެ. އދ.އާއި އެނޫންވެސް ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުގައި އަޑުހަރުކޮށް ދިވެހިރާއްޖެއިން އަންނަނީ މިކަމަށް ގޮވާލަމުންނެވެ.
އަބަދުވެސް ލާއިންސާނީ އަނިޔާވެރިކަން އިސްކުރާ އިސްރާއީލުގެ އަނިޔާވެރިކަން އަނެއްކާވެސް އިންތިހާއަށްބޮޑުވެ، މުޅި ފަލަސްޠީނު ސުންނާފަތިކުރަމުންދާދިއުން ދިވެހިން މިވަނީ ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެގޮތުން ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކޮށް، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރަންފަށާފައެވެ. މިދުވަސްކޮޅު މުޅި ސޯޝަލް މީޑިއާ މިވަނީ މިކަމުން ފްލަޑްވެފައެވެ. ފަލަސްޠީނުގެ ރައްޔިތުންނާމެދު ދިވެހިންގެ ހިތްތަކުގައި އޮންނަ ޒަމާންވީ ލޯބި ހާމަކޮށްދިނުމުގެގޮތުން ޚާއްސަ ދިދަ ކެމްޕޭނެއް މިހާރު ފަށައިގެން ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވެސް މިވަނީ މި ކެމްޕޭނުގައި ބައިވެރިވެ، ދުނިޔޭގެ ލީޑަރުންނަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ދިވެހިން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަން ހާމަކުރައްވައި ފަލަސްޠީނުގެ ދިދަޔާއެކު ޓުވީޓުކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓުގައި "ފްރީ ފަލަސްޠީން" ހޭޝްޓެގްވެސް ވަނީ ބޭނުންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ކުރު ޓުވީޓު ވެފައިވަނީ މާނަފުން ވަރުގަދަ މެސެޖަކަށެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި ދިވެހިރާއްޖެއިން ކުރާ މަސައްކަތަކީ އެކަން ކާމިޔާބު ވުމުގެކުރިން ހުއްޓޭނެ ކަމެއް ނޫންކަމުގެ ވަރުގަދަ މެސެޖަކަށެވެ. އިސްރާއީލުގެ ލާއިންސާނީ އަނިޔާވެރިކަމާއި، އިންސާނިއްޔަތުކަމެއްނެތް ޤަތުލުޢާއްމުތަކަށް ދިވެހިން ދެކޮޅުހަދާ ހެދުމަކީ ދުވަހަކުވެސް ބަދަލުނުވާނެ ކަމެއްކަމުގެ ވަރުގަދަ މެސެޖަކަށެވެ. މިއީ މި ކުޑަ ކުޑަ ދިވެހިރާއްޖޭން ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާލުކުރާ ކުރުމަށް ކުޑަވެސް ދުލެއް ނުދޭނެކަމުގެ އަލިގަދަ ރަމްޒެކެވެ.
The people of Maldives
— Ibrahim Mohamed Solih (@ibusolih) May 18, 2021
stand in solidarity with Palestine. #FreePalestine pic.twitter.com/lBGEG0jhXY
އިސްރާއީލްގެ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މީގެކުރިންވެސް އެތައްފަހަރަކު އަޑުއުފުއްލަވާފައެވެ.
އެގޮތުން އިރުމަތީ ޤުދުސްގައި ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއުގެ ތެރެއިން ޝެއިހް ޖައްރާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން އެމީހުންގެ ގެތަކުން ގަދަބާރުން ބޭރުކުރުމާއި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާއަށާއި، މިސްކިތުގައި ނަމާދުކުރަމުންދިޔަ މުސްލިމުންނަށް އިސްރާއީލް ސިފައިން ޙަމަލާދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިސްރާއީލްގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށާއި، އެކަންކަން ރައީސުލްޖޫމްހޫރިއްޔާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިވެސްކުރައްވާފައެވެ.
މީގެ އިތުރުން 2019ވަނަ އަހަރު ބޭއްވި އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފަލަސްޠީނުގައި މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭން ތާއީދުކުރާކަން މުޅިދުނިޔޭގެ ކުރިމަތީގައި ހާމަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އަޑު އުފުލާ ބައެކެވެ. އެކަން މިއަދުވެސް ދިވެހިން ވަނީ ސާބިތުކޮށްދީފައެވެ. ދިވެހިން ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޙުތުންގެ ހައްޤުގައި ތިބިކަން ހާމަކުރުމުގެގޮތުން މިއަދު މާލޭ ސަރަހައްދުގައި ވަނީ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.
ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ މައި މަރުކަޒު ބަންޑާރަކޮށީގެ ޢިމާރާތުގެ ބޭރުގައި ހުންނަ ބޮޑު ލެޑް ވޯލަށް މިއަދުވަނީ ފަލަސްޠީނުގެ ދިދަ އަރުވާފައެވެ. މިއިން ދޭހަކޮށްދެނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ހިތާއި ރޫޙުން، ބަހާއި ޢަމަލުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއެކުގައިކަމެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކާއެކު މިފަދަ ޤައުމީ ޙަރަކާތެއް ދިވެހިން އެންމެ އެދޭގޮތަށް ކުރިއަށް ގެންދިއުމަށް ދަތިތަކެއް އެބަހުއްޓެވެ. މިދަތިތަކާއެކުވެސް މިއަދުގެ ޙަރަކާތް ކުރިއަށްގެންގޮސްފައިވަނީ ވަރަށް ޖޯޝާއި ފޯރީގައެވެ. ރައްކާތެރިކަމާއެކު ގޭގޭގައި ތިބެގެންނެވެ.
ގޭގޭގެ ބެލްކަނިތަކާއި ފާރުތަކުގައި ފަލަސްޠީނާއި ރާއްޖޭގެ ދިދަ ހަރުކޮށް، ހަވީރުގެ ވަގުތު އެތައް ބަޔަކުވަނީ ބެލްކަނިތަކަށް ނުކުމެ، އެމީހުންގެ ޝުޢޫރުތައް ހާމަކޮށްފައެވެ. އަދި އެކި ޕޯސްޓަރުތަކާއި ބެނާތައް ބޭނުންކޮށްގެން ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ލޯތްބާއި އެޤައުމުގެ މިނިވަންކަމަށް ގޮވާލާ ގޮވާލުން ދިވެހިންވަނީ ދުނިޔެއަށް ދައްކާލާފައެވެ. މި ހަރަކާތުގައި ގިނަ ޢަދަދެއްގެ ތުއްތުކުދިން ބައިވެރިވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި ދިވެހިން އަންނަނީ ވަކާލާތުކޮށް، ފަލަސްޠީނުގައި ހިންގަމުންދާ ލައިންސާނީ ޢަމަލުތައް ވަގުތުންވަގުތަށް ހުއްޓާލުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ސައިކަލް ބުރުތަކާއި ހިނގާލުންތައް ބާއްވާފައިވެއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފަލަސްޠީނު މިނިވަންކުރުމަށް ގޮވާލާ ދިވެހި އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
މީގެ އިތުރުން އިސްރާޢީލުގެ ތަފާތު އުުފެންދުންތަކާއި، އެ ޤައުމަށް ތާޢީދުކުރާ އެކި ކުންފުނިތަކާއި ބްރޭންޑްތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ އަޑުވެސް ކުރިއަށްވުރެ މިވަނީ ގަދަވެފައެވެ.
ސޯޝަލް މީޑިއާގައި ހިންގަމުންދާ ހަރަކާތްތަކުގެ އިތުރުން، އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިތިބި ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ދާދިފަހުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައިވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ސަރަޙައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަންނަންޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް އިތުރުކޮށް އަނެއްކާވެސް އހަމަނުޖެހުންތައް ހިނގަންފެށިތާ އެތައް ހަފުތާތަކެއް މިހާރު މިވަނީ ވެފައެވެ. މިދިޔަ ރަމަޟާންމަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ވަނީ މަސްޖިދުލްއަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ޙަމަލާދީފައެވެ. އެ ޙަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވެފައިވެއެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ.