ޚަބަރު

ކައުންސިލް އިންތިޚާބު: 7،000އަށްވުރެ ގިނަ އޮފިޝަލުންގެ އެލަވަންސް ޖަމާކުރަން ފޮނުވައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ހަރަކާތްތެރިވި 7،000އަށް ވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކުރުމަށް ބޭންކަށް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އިންތިޚާބެއްގައި އެންމެ ގިނަ އޮފިޝަލުން ހަރަކާތްތެރިވި އިންތިޚާބެވެ. އެ އިންތިޚާބުގައި 7،000އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވިއެވެ. އޮފިޝަލުންނަށް އެލަވަންސް ޖަމާކުރުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ 7،000 ވުރެ ގިނަ އޮފިޝަލުންނަށް އެލަވެންސް ޖަމާކުރުމަށް ބޭންކަށް ފޮނުވާފައިވާކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވަނީ އޮފިޝަލުންގެ ތެރެއިން މިހާތަނަށް ފައިސާ ޖަމާކުރަން ނުފޮނުވި ވަނީ، އެކައުންޓް ނަންބަރުގެ މައްސަލަ ދިމާވެގެންނާއި އިދާރީ ބައެއް ކަންކަން ފުރިހަމަ ނުވާ އޮފިޝަލުންގެ ކަމަށެވެ. އަދި އެއޮފިޝަލުންނަށް މިހާރު އެކަންކަން ރަނގަޅު ކުރުމަށް އަންގަވާފައިވާނެކަމަށެވެ.

މީގެ އިތުރުން މިއިންތިޚާބުގައި ރަށްރަށުގެ ފޯކަލް ޕޮޒިޓުގެ ގޮތުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިންވެސް ބައެއް މީހުންގެ ރިޕޯޓްތައް އަދިވެސް ކޮމިޝަނަށް ނުލިބޭތީ ރިޕޯޓްތައް ލިބުމުން އެމީހުންގެ އެލަވެންސްތައްވެސް ޖަމާކުރަން ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 10ވަނަ ދުވަހުއެވެ. އަދި އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ މިމަހުގެ 17ގައި ހުވައި ކުރައްވާފައެވެ.