ޚަބަރު

ޝަރުތު ހަމަވާ އެތައް ބަޔަކު ސިނޯފާމް ދެވަނަ ޑޯޒް ނުޖަހާ، މާދަމާ ޖެހޭނެ


މާލޭ ސަރަހައްދުގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 3 ހަފްތާވެފައިވާ މީހުން ދެވަނަ ޑޯޒް އަވަހަށް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ. ޗައިނާގެ މި ވެކްސިނަކީ ފުރަތަމަ ޑޯޒް ފުރިހަމަކުރާތާ މަސްދުވަސް ފަހުން ދެވަނަ ޑޯޒް ފުރިހަމަ ކުރަންޖެހޭ ވެކްސިނެކެވެ.

އެޗްޕީއޭއިން ވިދާޅުވީ ސިނޯފާމްގެ ފުރަތަމަ ވެކްސިން ރާއްޖެއިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ނުކޮށް އެބަ ތިބިކަމަށެވެ.

އެ އިދާރާއިން ބުނީ ސިނޯފާމްގެ ވެކެސިންގެ ފުރަތަމަ ޑޯޒް 72662 މީހަކު ޖަހާފައިވާކަމަށެވެ. އެހެންނަމަވެސް މާލޭ ސަރަހައްދުން މި އަދަދުގެ 70 އިންސައްތަ މީހުން މިހާރު ތިބީ ދެވަނަ ޑޯޒް ނަގަންޖެހޭ މުއްދަތުގައިކަމަށާއި ވީހާ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ނޭޝަނަލް އާޓް ގެލަރީއާއި ވިލިމާލޭ ޔޫތް ސެންޓަރާއި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސިނޯފާމް ވެކްސިން ދިނުމަށް ހާއްސަކޮށްފައިވާކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނާއި އަލަށް ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް މާދަމާ ހެނދުނު 09:00 - 11:00 މި ތަންތަނުން ވެކްސިން ޖަހާދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.