ޚަބަރު

"ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަށް އެދިފައެއް ނުވޭ - ސަރުކާރު


ކޯވިޑް ބަލިމަޑުކަމުގެ ކޮންޓްރޯލް ގެއްލި ބޭރުގެ ޚާއްސަ އެހީއަކަށް އެދިފައިނުވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ކޯވިޑްގެ ހާލަތު ގޯސްވެ ބޭރުގެ އެހީއަށް އެދިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުންކަމަށެވެ. އެހެންމަވެސް ބަލީގެ "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވާކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ ދުވާލަކަށް ފެންނަ ކޭސްތައް 1000 މަތީގައި ހުންނަތާ މިވަނީ 2 ހަފްތާވެފައެވެ. އަދި މި ބަލީގައި ދުވާލެއްގެ މައްޗަށް ނިޔާވާ މީހުން ރެކޯޑް އަދަދަކަށް ވަނީ އިތުރުވެފައެވެ. މިދިޔަ 24 ގަޑިއރުގެ ތެރޭގައި 7 މީހަކު މިބަލީގައި ނިޔާވެފައިވާއިރު މިމަހު އެކަނި މިހާތަނަށްވަނީ 39 މީހަކު މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް ބަލިޖެހުނު މީހުންގެ އަދަދު ބައިލައްކާއި މި ވަނީ ގާތްކޮށްފައެވެ. މިވަގުތު މި ބައްޔަށް 18،843 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. 274 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މީގެތެރެއިން 06 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު 04 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިގޮތުން ކޯވިޑް ކޭސްތައް އެންމެ ގިނައިން ފެންނަ މާލޭ ސަރަހައްދުގައި މިހާރު ވަނީ ކޮންމެ ދުވަހަކު ހަވީރު 04:00 އިން ފަތިހު 04:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި އެންމެ ގިނަ އަދަދަކަށް މީހުން ޖަމާވާތަން ތަން ބަންދުކޮށް ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ހިދުމަތް ދިނުންވެސް ވަނީ ހުއްޓުވާފައެވެ.