ދުނިޔޭގެ ވިޔަފާރި

ބްރެޒިލްއިން ކޮފީ ލިބުން ދަތިވަނީ


ކޮފީ އާއި ހަކުރާއި، އޮރެންޖް ޖޫސް އެންމެ ގިނައިން ބޭރުކުރާ ބްރެޒިލްއިން މިތަކެތި ލިބުން ދަތިވެދާނެކަމުގައި އެޤައުމުން ބުނެފިއެވެ. ބްރެޒިލްއަށް މިއީ ވިއްސާރަ މޫސުން ނަމަވެސް އެއްވެސް ވަރަކަށް ވާރޭ ނުވެހުމުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި މިތަކެތި ލިބުން ދަތިވާނެ ކަމަށް ބްރެޒިލްއިން ބުނެއެވެ.

ދަނޑުވެރިކަމާއިބެހޭ ގިނަ މަސައްކަތްތައްކުރާ ބްރެޒިލްގެ މެދު ދެކުނު ސަރަޙައްދުގައި ވެލިގަނޑު އެއްކޮށް ހިކި ކޯރުތަކުގެ ފެންގަނޑުވެސް ވަނީ ހިނދިފައެވެ. މިކަމުގެ ސަބަބުން ފެން ނުލިބި ކުރިއަށް ހުރި މަސްތަކުގައިވެސް ބޭނުންވާ ވަރަށް ތަކެތި ނުއުފެއްދިދާނެ ކަމުގެ ބިރުހީވެ ދަނޑުވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮފީ ދަނޑުތަކަށް ބޭނުންވާވަރަށް ފެންދިނުމަށްފަހު ގޭގައި ބޭނުންކުރާނެ ފެން ނުލިބޭކަމުގައި ދަނޑުވެރިން ބުނެއެވެ. އަދި އާންމުކޮށް އޮގަސްޓްމަހު މަރުވާން ފަށާ ދަނޑުތައް ދަނީ މިހާރުވެސް ހިކި މަރުވަމުންކަމުގައި ވެސް އެމީހުން ބުނެއެވެ.

ކޮފީ އާއި އޮރެންޖް ގަސްތައް ހަލާކުވެ މަރުވަމުންދާނަމަ މި ތަކެތީގެ އަގުބޮޑުވެގެން ހިނގައިދާނެއެވެ.

އޮރެންޖް ދަނޑުތައް ހައްދަން 30 އިންސައްތައިގެ ފެން އަދި އެރޭބިކާ ކޮފީ ދަނޑުތަކަށް 15 އިންސައްތައިގެ ފެން ފޯރުކޮށްދީފައިވާއިރުވެސް އެ ސަރަޙައްދުތަކަށް ފެނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ބްރެޒިލްގައި ކޮފީ އާއި އޮރެންޖް އުފެއްދުން ޖެހިޖެހިގެން ދެ އަހަރު މިވަނީ ދަށްވެފައެވެ. އޮރެންޖް އުފެއްދުން ވަނީ 31 އިންސައްތައަށް ދަށްވެފައެވެ. މިއީ 33 އަހަރަށްފަހު އޮރެންޖް އުފެއްދުން އެންމެ ދަށްވި އަހަރެވެ. ސްޓާރބަކްސް ފަދަ ތަންތަނުން އެންމެ ގިނައިން ބޭނުންކުރާ އެރޭބިކާ ކޮފީ އުފެއްދުންވެސް ވަނީ ވަރަށްބޮޑަށް ދަށްވާންފަށާފައެވެ.

އާންމުކޮށް މި ދުވަސްވަރަކީ ބްރެޒިލްއަށް ވިއްސާރަ ދުވަސްވަރެއް ނަމަވެސް މި ފަހަރު ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވާނެކަމުގައި މީޓިއޮރޮލޮޖިސްޓުން ލަފާކުރެއެވެ. އަދި ސެޕްޓެމްބަރުގެ ބަދަލުގައި ވާރޭ ދެން ވެހެން ފަށާނީ އޮކްޓޫބަރު އަދި ނޮވެމްބަރުގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.