ވިޔަފާރި

އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް


އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެފްއެސްއެމްއިން ވިދާޅުވީ މިގެނެވުނު ބަދަލާއެކު، އެކުންފުނީގެ ސްޓެލްކޯ ކައިރީ ހުންނަ ޕެޓްރޯލް ޝެޑުންނާއި، ހުޅުމާލޭގައި ހުންނަ އީޒީ ފިލް-3 ޕެޓްރޯލް ޝެޑުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 10:30 ހަމައަށް ޚިދުމަތްދޭނެކަމަށެވެ.

އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:30 އަށް ޚިދުމަތްދޭނެ ކަމަށް އެފްއެސްއެމްއިން ހާމަކުރެއެވެ.

އެފްއެސްއެމްއިން މާލޭގައި ހިންގާ އިތުރު ޕެޓްރޯލް ޝެޑްތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން މެންދުރުފަހު 3:30 އަށެވެ. އަދި ހުކުރު ދުވަހު ޕެޓްރޯލް ޝެޑު ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން މެންދުރުފަހު 3:30އަށެވެ.

އެފްއެސްއެމް ތިލަފުށި ސޭލްސް ޕޮއިންޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ހަވީރު 4:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:30 އަށެވެ.

އެފްއެސްއެމްގެ ހުރިހާ ފެޓްރޯލް ޝެޑެއްވެސް ނަމާދު ގަޑިތަކަށް 20 މިނެޓަށް ބަންދުކުރާނެއެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވާފައެވެ.