ދުނިޔޭގެ ވިޔަފާރި

ސިންގަޕޯރ އެއަރލައިންސްއަށް އަނެއްކާވެސް ގެއްލުން


ކޯވިޑްގެ ބަލިމަޑުކަމާހެދި އުދުހުންތައް މަދުވުމުގެ ސަބަބުން ސިންގަޕޯރ އެއަރލައިންސްއަށް އަނެއްކާވެސް ގެއްލުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މިދިޔަ އަހަރާއި މިއަހަރުވެސް ލިބުނު ގެއްލުމާއެކު މި އަހަރަކީ އެއަރލައިންގެ ތާރީޚްގައިވެސް އެންމެ އުނދަގޫ އަހަރުކަމުގައި ސިންގަޕޯރ އެއަރލައިންސްއިން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމާހެދި ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން މިއަހަރު އެ އެއަރލައިނަށް 4.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި މިއީ މިދިޔަ އަހާރައި އަޅާބަލާއިރު ވަރަށް ބޮޑު ގެއްލުމެއްކަމަށް އެއަރލައިނުން ބުނެއެވެ.

މިދިޔަ އަހަރު 212 މިލިއަން ޑޮލަރުގެ ގެއްލުން ސިންގަރޕޫރު އެއަރލައިނަށް ވަނީ ލިބިފައެވެ. އަދި އާމްދަނީ ވަނީ 3.82 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ގާތްގަޑަކަށް 6.2 ބިލިއަން ޑޮލަރުގެ ފައިދާއެއް ކުންފުންޏަށް ހޯދުމަށްޓަކައި ކޮންވާރޓިބަލް ބޮންޑު އިޝޫ ކުރަން ވަނީ ނިންމާފައެވެ. މީގެ ސަބަބުން އިންޑަސްޓްރީ ދެމެހެއްޓުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓްތައް ޤާއިމްކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

މިދިޔަ އަހަރު 35.8 މިލިއަން މީހުން އެ އެއަރލައިނުން އުފުލާފައިވާއިރު ފިޔަވަޅުތަކުގެ ސަބަބުން ދަތުރުކުރާ މީހުން މަދުވެ މިއަހަރު އެ ގްރޫޕުން އުފުލާފައިވަނީ 596000 މީހުންނެވެ.

އަނެއްކޮޅުން މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލަން ހަމަޖެހިފައިވާ ސިންގަރޕޫރު ހޮންކޮންގ އެއަރ ބަބުލް ވަނީ ކޯވިޑްގެ ބަލިމަޑުކަން ސިންގަޕޫރުގައި އިތުރުވަމުންދާތީ ދެ ވަނަ ފަހަރަށް ކެންސަލް ކޮށްފައެވެ. މީގެ ކުރިން މިދިޔަ އަހަރު ނޮވެމްބަރުމަހު ހުޅުވާލުމަށް ހަމަޖެހުނު މި ބަބުލް ކެންސަލް ކުރަންޖެހުނީ ހޮންކޮންގގައި ކޯވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުންނެވެ.

ޖޫންމަހު ދަތުރުކުރާ މީހުން 28 އިންސައްތައަށް އިތުރުވާނެކަމަށާއި އަދި ޖުލައި މަހު 32 އިންސައްތައަށް މިއަދަދު އިތުރުވާނެކަމަށް އުންމީދުކުރާކަމަށް ސިންގަޕޯރ އެއަރލައިނުން ބުނެއެވެ. މީގެ އިތުރުން އެއަރލައިނުގެ ކާގޯ އޮޕަރޭޝަންސްތައް ރަނގަޅުކަމުގައި ކުންފުނިން ބުނެއެވެ.

މީގެ ތިން މަސްކުރިން 54 މަންޒިލަކަށް އެއަރލައިނުން ދަތުރުކޮށްފައިވާއިރު މާރިޗް މަސް ނިމުނުއިރު ސިންގަޕޫރާއެކު 60 މަންޒިލަކަށް ސިންގަޕޫރު އެއަރލައިނުން ވަނީ ދަތުރުތައް ކޮށްފައެވެ.