ދުނިޔޭގެ ވިޔަފާރި

އީޔޫގެ އިންވެސްޓްމަންޓް އެއްބަސްވުންތައް މަޑުޖައްސާލަން ޖެހިދާނެކަމުގެ އިންޒާރެއް ޗައިނާއަށް


ޗައިނާއިން އީޔޫ ބައެއް ޕާލިމެންޓް މެމްބަރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާނުލައިފިނަމަ އީޔޫއާއި ޗައިނާއާއި ދެމެދު ޤާއިމްކޮށްފައިވާ އިންވެސްޓްމެންޓް އެއްބަސްވުން މަޑުޖައްސާލަން ޖެހިދާނެކަމުގެ އިންޒާރު އީޔޫއިން ދީފިއެވެ.

ޗައިނާއިން އީޔޫއާ ދެކޮޅަށް މި ފިޔަވަޅުތައް އަޅާފައިވަނީ ޗައިނާގެ މުސްލިމުންނަށް އެޤައުމުން ދެމުންދިޔަ ލާއިންސާނީ އަނިޔާއާ ދެކޮޅު ހެދުމުގެ ގޮތުން ޗައިނާގެ ބައެއް އޮފިޝަލުންނާއި ދެކޮޅަށް އީޔޫއިން އަޅާފައިވާ ފިޔަވަޅުތަކުގެ ބަދަލުގައެވެ.

ބެއިޖިންއިން އިޔޫއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް އަސާސެއް ނެތް ފިޔަވަޅުތަކެއްކަމަށް އީޔޫގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ނިންމާފައެވެ. މި ނިންމުމަށް ތާއީދު ކުރައްވާ ޔޫރަޕިއަން ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވެފައިވަނީ ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްބަސްވުމެއް ނިންމާނެ ފަހި މާހައުލެއް އަދި ނެތްކަމަށެވެ. މީގެ އިތުރުން ޗައިނާގެ މި ޢަމަލަކީ އަސާސީ މިނިވަންކަމަށް ދިން ހަމަލާއެއްކަމަށާއި ވީހާވެސް އަވަހަކަށް މި ފިޔަވަޅުތައް ނެގުމަށް ގޮވާލާކަމަށްވެސް ޤާނޫނު ހަދާ މަޖިލީހުން ދަނީ ބުނަމުންނެވެ.

އިޔޫގެ މި ނިންމުތަކުގެ ސަބަބުން ޑިސެމްބަރުމަހު އެއްބަސްވެފައިވާ މަލްޓި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓް އެއްބަސްވުން ކުރިއަށް ކުރިއަށްގެންދިއުން ލަސްވެގެންދާނެއެވެ. އަދި އެއްބަސްވުން ތަންފީޒުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަވެސް ބޭނުންވާނެއެވެ.

ޗައިނާއިން އަޅާފައިވާ ފިޔަވަޅުތައް ނެގިކަމުގައިވިޔަސް ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް ފެހި ސިގްނަލް ދިނުމުގެ ކުރިން އެޤައުމުގެ އިންސާނީ ޙަޢްޤުތަކުގެ ޙާލަތު ބަލާނެކަމުގައިވެސް އީޔޫއިން ބުނެއެވެ.

ސީއޭއައިގެ ނަން ދީފައިވާ މި އެއްބަސްވުމުގެ ސަބަބުން ޗައިނާގައި އިންވެސްޓް ކުރާ ޔޫރަޕްގެ ކުންފުނިތަކަށް މާކެޓަށް ވަނުމުގެ ދަތިކަން ނެތި އިންވެސްޓް ކުރުމަށް ފުރުޞަތުތައް ހުޅުވިގެންދާނެކަމުގައި އީޔޫ އިން އުންމީދުކުރެއެވެ.

ޗައިނާ ސަރުކާރުގެ ކުންފުނިތަކުގެ ސަބަބުން ޔޫރަޕްގެ ކުންފުނިތަކަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އީޔޫގެ ހިސާބުތަކުން ދައްކާގޮތުގައި އީޔޫއަކީ ޗައިނާގެ އެންމެ ބޮޑު ވިޔަފާރީގެ އެއް ބައިވެރިޔާކަމާއި ޗައިނާ އާއި ޔޫރަޕާއި ދެމެދު ކޮންމެ ދުވަހަކު އެވަރޭޖްކޮށް 1 ބިލިއަން ޔޫރޯގެ ވިޔަފާރި ކުރެއެވެ.

ޗައިނާއާއި އީޔޫއާ ދެމެދު ޤާއިމްކޮށްފައިވާ އެގްރީމެންޓަކީ އެކަކު އަނެކަކަށް ދީފައިވާ ހަދިޔާއެއް ނޫންކަމާއި، އެއީދެ ފަރާތަށްވެސް ފައިދާ ވާގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ޗައިނާގެ ޙާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.