އިޤްޠިޞާދަށް ހެޔޮ ބަދަލެއް އަންނަމުންދިއުމާއެކު، އިނގިރޭސިވިލާތުގައި ޚަރަދުކުރާ މިންވަރު އިތުރުވެ، ރީޓެއިލް ވިޔަފާރިތަކަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމަހު 5.1 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ރީޓެއިލް ވިޔަފާރިއަށް މިދިޔަމަހު ވަނީ 9.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހަށްފަހު އެ ދާއިރާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.
ރީޓެއިލް ވިޔަފާރީގެ ތެރެއިން ހެދުމާއި އަންނައުގެ ވިޔަފާރި ވަނީ މިދިޔަމަހު 70 އިންސައްތަ ކުރިއަރާފައެވެ.
އިނގިރޭސިވިލާތުގެ މަރުކަޒީ ބެންކު، ސެންޓްރަލް ބޭންކް އޮފް އިންގްލޭންޑުން ލަފާކުރާގޮތުގައި މިއަހަރު އެޤައުމުގެ އިޤްޠިޞާދު 7.25 އިންސައްތަ ކުރިއަރާނެއެވެ. ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި އެޤައުމުގެ ވިޔަފާރިކުރާ މިންވަރު މިހާރު ހުރީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ހުރިވަރާ ދާދި އެއްވަރެއްގައެވެ.
ޤައުމީ ތަފާސް ހިސާބުތަކާއިބެހޭ އޮފީހުގެ ހިސާބުތަކުން ދައްކާގޮތުގައި އޭޕްރީލް މަހު ރީޓެއިލް ވިޔަފާރި ހުރީ 10.6 އިންސައްތައިގައެވެ. އެއީ ބަލިމަޑުކަމުގެ ކުރިން ހުރިވަރަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް އެކި ފަހަރު ފުރަބަންދު ކުރުމުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކަށް ވަނީ ގެއްލުންވެ، އޮންލައިން ވިޔަފާރިއަށް ބަދަލުކުރަންޖެހިފައެވެ.
ރީޓެއިލް ވިޔަފާރިތައް ކަމަށްވާ އަންނައުނު ވިއްކާ ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކަކީ ހުޅުވަން މާ މުހިންމު ނޫން ވިޔަފާރިތަކެއްކަމަށް ބުނެ އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އޭޕްރީލާ ހަމައަށް އެ ވިޔަފާރިތައް ބަންދުކޮށްފައެވެ.
އޮންލައިން ވިޔަފާރިތައް ކުރާވަރު މާރިޗްމަހު 34.7 އިންސައްތައަށް އިތުރުވެފައިވީނަމަވެސް އޭޕްރީލްމަހު އެ ވިޔަފާރި ވަނީ 30.0 އިންސައްތައަށް ވެއްޓިފައެވެ. އަދި ރެސްޓޯރެންޓްތައް އާންމުންނަށް ހުޅުވާލުމާއި ގުޅިގެން ސުޕަމާކެޓްތަކުގެ ވިޔަފާރިވެސް ވަނީ ދަށްވެފައެވެ.