ވިޔަފާރި

ރާއްޖެ އަންނަ އެމެރިކާ ފަތުރުވެރިން އިތުރު ކުރުމަށް ވެބިނަރއެއް


އެމެރިކާ މަރކެޓުން ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރްސީން އެކްސްޕީޑިއާއާއި ގުޅިގެން ވެބިނަރއެއް ބާވައިފިއެވެ.

މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން މަޝްޙޫރު ހޮޓެލް ބުކިންގ ވެބްސައިޓް އެކްސްޕީޑިއާ އާއި ގުޅިގެން ބޭއްވި މި ވެބިނަރއަކީ އެކްސްޕީޑިޔާގެ ޓްރެވެލް އެޖެންޓް އެފިލިއޭޓް ޕްރޮގްރާމަށް އަމާޒުކޮށް ބޭއްވި ވެބިނަރއެކެވެ. 390 އަށް ވުރެ ގިނަ އެޖެންޓުން މިވެބިނަރގައިވަނީ ބައިވެރިވެފައެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މިވެބިނަރގެ މައިގަނޑު މަޤްސަދަކީ އެމެރިކާ މާކެޓްގެ ޓްރެވެލް އެޖެންޓުން ތަމްރީންކޮށް އެސަރަޙައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ޓީ.އޭ.އޭ.ޕީ އަކީ އެމެރިކާ މާކެޓްގެ ޓްރެވެލް އެޖެންޓުންނަށް ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޓްރެވެލް އެޖެންޓުންނަށް އެކްސްޕީޑިޔާގެ ގްލޯބަލް އިންވެންޓަރީއަށް ވަދެ ހޮޓެލްތަކާއި ޕެކޭޖްތަކާއި އަދި އެހެނިހެން އެކްސްޕީޑިޔާއިން ވިއްކާ ހަރަކާތްތަކުން ކަމިޝަނެއް މި ޓްރެވެލް އެޖެންޓުންނަށް ލިބޭނެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އެކްސްޕީޑިއާއާއި ގުޅިގެން ބޭއްވި ވެބިނަރގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތާއި، ރާއްޖޭގައި ކުރެވޭނެ ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
މިވެބިނަރގައި ވަނީ ރާއްޖެއައް ދަތުރުފަތުރުކުރުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ކޯވިޑް-19 ގެ ހާލަތާއި ބެހޭ މައުލޫމާތާއި ރާއްޖެއަށް ދަތުރު ކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ފުރިހަމަ ވާންޖެހޭ މިންގަނޑުތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ވެބިނަރގައި ދިވެހިރާއްޖޭގައި ތައާރަފްކޮށްފައިވާ ލޯކަލް އިނިޝިއޭޓިވްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި އެންމެ ފަހުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ވިޒިޓް މޯލްޑިވްސް ތައާރަފްކުރި އައި އެމް ވެކްސިނޭޓެޑް' ކެމްޕެއިން ހިމެނެއެވެ.

މިވެބިނަރ ނިންމާލަމުން ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނުގައި ޕީ.ސީ. އާރު ޓެސްޓް ހެދުމާއި ރާއްޖެއަށް އެތެރެވުމުގައި ބަލާ މިންގަނޑުތަކާއި ރިސޯޓް ސްޓާފުން ވެކްސިނޭޓްކުރެވިފައިވާ އަދަދާއި ގުޅޭ ސުވާލުތައް ވެބިނަރގެ ބައިވެރިންވަނީ ކޮށްފައެވެ. ވެބިނަރގެ ބައިވެރިންގެ ފަރާތުން ލިބިގެންދާ މައުލޫމާތު އިތުރުވުމުން ދިވެހިރާއްޖެ އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެމެރިކާ މާކެޓުން ވަނީ ދިވެހިރާއްޖެ އަށް 13 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 3.6 އިންސައްތަ އެވެ. މިއާއެކު އެމެރިކާ ވެފައިވަނީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން އަންނަ ޤައުމަށެވެ.