މެދުޒިޔާރަތުގެ ބޭރު ފާރާއި ދިދަ ދަނޑި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ. މެދުޒިޔާރަތުގެ ގޯތިތެރޭގައި ހުރި ބިޔަ ގަހުގެ ސަބަބުން ޒިޔާރަތުގެ ބޭރު ފާރާއި، ދިދަ ދަނޑިއަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މެދުޒިޔާރަތް ގޯތިތެރޭގައި ހެދިފައިހުރި ބިޔަ ގަހުގެ މޫތަކުގެ ސަބަބުން ޒިޔާރަތުގެ ބޭރު ފާރަށާއި ދިދަ ދަނޑިއަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާކަމަށެވެ. އަދި މި ގެއްލުންތަކުގެ އެސެސްމެންޓެއް އެ މަރުކަޒުގެ ފަރާތުން ތައްޔާރުކޮށްފައިވާކަމަށެވެ. މެދުޒިޔާރަތުގެ ގޯތިތެރޭގައި ހުރި ގަހުގެ ސަބަބުން ދިމާވާ ގެއްލުންތަކުން 100 އަހަރަށްވުރެ ގިނަދުވަސްވީ ފާރު އަދި ދިދަ ދަނޑި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށްވެސް އެ މަރުކަޒުން ވަނީ ވިދާޅުވެފައެވެ.
މެދުޒިޔާރަތުގެ ބޭރު ފާރާއި ދިދަ ދަނޑި ރައްކާތެރިކުރުމަށް މަަސައްކަތްކުރަމުންދާއިރު، އެތަންތަނަށް ލިބިފައިވާ ގެއްލުންތައް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ލިބިފައިވާ ގެއްލުންތަކުގެ ބައެއް ފޮޓޯތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ސޯޝަލް މީޑިގައިވެސް ވަނީ އާއްމުކޮށްފައެވެ.
މެދުޒިޔާރަތަކީ ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންނެވި ކަލޭގެފާނު ފަސްދާނުލެވިފައިވާ ތަނެވެ. އެކަލޭގެފާނު އަވަހާރަވީ 26 ޛުލްޤައިދާ 548ހ. ގައެވެ. މެދުޒިޔާރަތުގެ ފާރަކީވެސް 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުވަ ފާރެކެވެ. (1/3) pic.twitter.com/bKEf6eMfa4
— National Center for Cultural Heritage (@HeritageMv) May 23, 2021
މެދުޒިޔާރަތަކީ ދިވެހިރާއްޖޭގެ ރަސްގެފާނު އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންނެވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ތަނެވެ. އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ އަވަހާރަވީ 26 ޛުލްޤައިދާ 548ހ. ގައެވެ. އުވަ ބޭނުންކޮށްގެން ހަދާފައިވާ މެދުޒިޔާރަތުގެ ފާރަކީވެސް 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފާރެކެވެ.
މެދުޒިޔާރަތަށް މެދުޒިޔާރަތް ކިޔަން ފެށުނީ އެދުވަސްވަރު މާލޭގެ ބިން އޮތްގޮތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުންނެވެ. އެކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ. މެދުޒިޔާރަތް މިހާރު އެހުރިގޮތަށް ހެއްދެވީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. ރާއްޖޭގެ ހުރި އާސާރީ ތަންތަނުގެ ތެރެއިން މެދުޒިޔާރަތަކީ ވަރަށް ޚާއްސަ މަޤާމެއްދެވިފައިވާ ތަނެކެވެ. ރާއްޖެ އިސްލާމް ވުމާގުޅިފައިވާ މުހިއްމު ތާރީޚެއް އޮތް މި ޒިޔާރަތަކީ މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ޝައުގުވެރި ތަނެކެވެ.