ޚަބަރު

ސްޓޫޑެންޓް ލޯން ވަގުތީ ލިސްޓްގައި 417 ދަރިވަރުން، ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި



ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ވަގުތީ ލިސްޓްގައި ވަނީ މިއަހަރު 417 ދަރިވަރަކަށް ލޯނު ލިބުނުކަމަށެވެ.

ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ރާއްޖެއާއި ރާޢްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްގެން މިއަހަރު ލޯނަށް އެދުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. މިއީ މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. މިގޮތުން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުވުމަށް ހުޅުވާލި ލޯން ސްކީމު 770 ފުރުޞަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކުރި 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކުރި 290 ޖާގައެވެ.

ސްޓޫޑެންޓް ލޯނަށް އެދި 1176 ދަރިވަރުން ހުށައެޅިނަމަވެސް ވަގުތީ ލިސްޓަށް ބަލާއިރު ޝަރުތު ހަމަވާ 417 ދަރިވަރަކަށް ވަނީ ސަރުކާރުގެ ލޯނުގެ އެހީގައި ކިޔެވުމުގެ ފުރުޞަތު ލިބިފައެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އަންނަމަހުގެ 1 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. ސްޓޫޑެންޓް ލޯންގެ ފައިނަލް ލިސްޓް ނެރޭނީ ޖޫންމަހުގެ 10 ވަނަ ދުވަހުގައެވެ.

ސްޓޫޑެންޓް ލޯން ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓް އާއްމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ލޯނުގެ އެހީގައި ކިޔެވުން ފެށުމަށް 18 މަސްދުވަހުގެ މުއްދަތެއް ދޭނެކަމަށެވެ. ކުރިން ލޯނު ލިބޭތާ 12 މަސްދުވަހުގެ ތެރޭ ކިޔެވުން ފަށަންޖެހޭ ގޮތަށް އޮތްނަމަވެސްމިއަހަރު މިކަމަށް ބަދަލު ގެނެސްފައިވަނީ ކޯވިޑްގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު ލޯން ސްކީމަށް ކަނޑައެޅި 137 މިލިޔަން ރުފިޔާވެސް ޚަރަދުކުރާނެކަމަށެވެ. މިގޮތުން ބާކީވާ ޖާގަތަކަށް މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ އެމްބީބީއެސް ކިޔަވާ 65 ދަރިވަރުންނާއި ޕައިލެޓްކަން ކިޔަވާ 16 ދަރިވަރަކަށް ލޯން ދޫކުރާނެކަމަށެވެ.

" އެކައުންޓިން ދާއިރާއިން މިހާރު ކިޔަވަމުން އަންނަ ކުދިންނަށް ޚާއްސަކުރި 20 ޖާގައަށް ކުރިމަތިލީ 10 ދަރިވަރުން. އަލަށް ކިޔަވަން ބޭނުންވާ 30 ދަރިވަރުންނަށް ޖާގަ ކަނޑައެޅިނަމަވެސް ކުރިމަތިލީ 3 ދަރިވަރުން. ސިއްހީ ދާއިރާއިން ބެޗްލާސް ޑިގްރީއަށް ކިޔަވަން ބޭނުންވެގެން ކުރިމަތިލީ 15 ދަރިވަރުން. ސޯޝަލް ސައިންސް 12، އިންޖިނައިއިން 26 ދަރިވަރުން ކުރިމަތިލި." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ

މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވާ ކުދިންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ލޯނުގެ ދަށުން ފައިސާ ދޫކުރަން ނިންމިއެވެ. މިގޮތުން އަލަށް ކިޔަވަން ފަށާ ކުދިންނަށް 45 ޖާގަ އަދި މިހާރު ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް އެދެން ބޭނުން ދަރިވަރުންނަށް 105 ޖާގަ ހަމަޖެއްސިއެވެ. އެގޮތުން އަލަށް ފަށާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލީ 12 ކުދިންނެވެ. އަދި މިހާރު ކިޔަވާ ކުދިންނަށް ޚާއްސަ ކުރި ޖާގަތަކަށް ކުރިމަތިލީ 15 ދަރިވަރުންނެވެ.

ކޯވިޑް 19ގެ ސަބަބުން ކުރިމަތިވެފައިވަ އެކި ކަހަލަ ގޮންޖެހުންތަކުގެ ސަބަބުން މިއަހަރު ލޯނުގެ އިތުރު ބުރެއް ހުޅުވާލެވޭނެ ކަމަށް ނުބެލެވޭކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.