ވިޔަފާރި

ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ޚަރަދު 3.4 ބިލިއަން ރުފިޔާއަށް!


ކޯވިޑް-19އިން އަރައިގަތުމަށް ސަރުކާރުން މިހާތަނަށް 3.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިއީ ހުސްވި ހަފްތާއަށްވުރެ 30 ބިލިއަން ރުފިޔާ އިތުރު އަދަދެެކެވެ.

ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 497.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗެށެވެ. އެ ހޮސްޕިޓަލަށްވަނީ 144.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ކޯވިޑް-19އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ހިންގާފައިވާ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 499.7 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.7 ބިލިއަން ޚަރަދުކޮށްފައިވާއިރު މިއީ ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ ސްކީމެކެވެ.

އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދަށުން ކޯވިޑް ރިކަވަރީ ލޯން ސްކީމްއަށް މިހާތަނަށް ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ ދީފައިވާއިރު، ކަރަންޓު ބިލްތަކަށް ޑިސްކައުންޓުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.