ޚަބަރު

ހުޅުމާލޭ ފެސިލިޓީގައި ހުރި ދަތިތައް ހައްލުކުރުމަށް މައްސަލައެއް


ކޯވިޑް-19ގެ ބަލިމަޑުކަމުގައި ހުޅުމާލޭ ފެސިލީގައި ހުރި ދަތިތައް ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. މައްސަލަ ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާލަތުގައި ހުޅުމާލޭ ފެސިލިޓީގައި އެކަށީގެންވާ ވަސީލަތް ހުންނަންޖެހޭކަމަށެވެ. ފެސިލިޓީގައި ތަކެތީގެ ދަތިކަމާއި، އިންސާނީ ވަސީލަތުގެ ދަތިކަންވެސް އިންތިހާއަށް ހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ އަވަސް ގޮތްތަކެއް ފަހިކޮށްދެއްވަން ޖެހޭކަމަށެވެ. އަތޮޅު ތެރޭގައި ކޯވިޑް ފެތުރުމަށް މިއަދު ދިމާވާ އެންމެބޮޑު ސަބަބަކީ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުން ލަސްވުންކަމަށެވެ. މިހާލަތުގައި ކޯވިޑްގެ ނަތީޖާ އަވަސްކުރުމަކީ މުހިންމު ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްމަބަރުންވަނީ ކޯވިޑްގެ މިހާލަތާއި ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށްބުނެ ސަރުކާރަށް ފާޑުކިޔާފައެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރުން ވިދާޅުވީ މިހާލަތުގައި ސަރުކާރާއި ގުޅިގެން ހުރިހާ ފަރަތްތަކުންވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

މިހާތަނަށް ސަރުކާރުން ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ޒިންމާދާރު ފިޔަވަޅުތަކެއް ކަމަށާއި، ނަމަވެސް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ އިންސަނީ ވަސީލަތް މަދުވުމުންކަމަށެވެ. އަދި މިހާރު ސަރުކާރުން ޑޮކްޓަރުންނާއި، ނަރުހުން ހޯދައި ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމައްސަލާގައި ވަހަކަ ދެއްކި ހުރިހާ މެމްބަރުންވެސް ވަނީ ކޯވިޑްގައި ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވައި ބަލި މަޑުކަމުން އަރައި ގަތުމަށް އިލްތިމާސް ކުރައްވާފައެވެ.

ހުޅުމާލޭ ފެސިލިޓީގައި ކޮންމެ 10 ބަލި މީހަކަށް މިވަގުތު ފަރުވާދެމުން ދަނީ ނަރުހަކާއި، އެހީތެރިއެކެވެ. މިއީ މަދު ޢަދަދެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ލިބުމުން މިކަން ހައްލު ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ވެންޓިލޭޓަރާއި، އޮކްސިޖަންވެސް ބޭނުންވާ ވަރަށް އެބަހުރިކަމަށާ، އެކަމުގައިވެސް އެއްވެސް ދައްޗެއް ނެތްކަމަށެވެ.