ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ނިންމާފައިވާ ފަދައިން އެމް.ޑަބްލިޔު.އެސް.ސީން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއިމަހުގެ ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި މާލެ، ހުޅުމާލޭ، ވިލިމާލެ، ގުޅީފަޅު، އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ. މާފުށި އަދި ކުޅުދުއްފުށި ސިޓީގެ ކޮންމެ ގޭބިސީއެއްގެ މެއި މަހުގެ ފެން ބިލުން %30 އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ފެން ބިލުން %20ގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނިން ރ. ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ދުވާފަރުގެ ކޮންމެ ގޭބިސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން %40 އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓު ބިލުން %20 ޑިސްކައުންޓެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް އެމް.ޑަބްލިޔު.އެސް.ސީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއިމަހުގެ ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާއިރު، ފެނަކައިންވެސް ވަނީ އެކުންފުނިން ފޯރުކޮށްދޭ ފެނާއި ކަރަންޓުގެ ޚިދުމަތުން މެއިމަހުގެ ބިލުން ޑިސްކައުންޓް ލިބިގެންދާނެކަން ހާމަކުރަައްވާފައެވެ. އެގޮތުން ސަރުކާރުން ނިންމެވުމާއި އެއްގޮތަށް މެއިމަހުގެ ކަރަންޓު ބިލުން %40 އަދި ފެން ބިލުން %30 ޑިސްކައުންޓެއް ފެނަކައިގެ ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށާއި، ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުތަކުން %20 ޑިސްކައުންޓް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ނިންމަވާ، އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރައްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.