ޗައިނާގެ ވައިސް ޕްރިމިއަރ ލިއޫ ހީ އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ އިސްވެރިޔާ ކެތްރީން ތައިއާ ބައްދަލުކުރައްވައިފިއެވެ.
ޗައިނާގެ ވައިސް ޕްރިމިއަރ ލިއޫ ހީއަކީ ޗައިނާއިން އެމެރިކާއާއެކު ބާއްވާ ވިޔަފާރިތަކުގައި ޗައިނާ ތަމްސީލްކުރައްވާ އިސްވެރިޔާއެވެ. އަދި ކެތްރީން ތައިއަކީ ޗައިނާއިން އެމެރިކާއާއެކު ބާއްވާ ވިޔަފާރިތަކުގައި އެމެެރިކާ ތަމްސީލްކުރައްވާ އެންމެ އިސްވެރިޔާއެވެ.
ފޯނުން ގުޅުއްވައި ބޭއްވެވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ތަރައްޤީކުރުމުގެ މުހިންމުކަމާއިމެދު ވާހަކަތައް ދެކެވުނުކަމަށާއި އަދި މިވާހަކަތަކަކީ ދެފުށް ފެންނަ ހަރުދަނާ ވާހަކަތަކެއް ކަމަށްވެސް ޗައިނާގެ ވިޔަފާރިއާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިތައް ތަރައްޤީކުރުމުގެ މުހިންމުކަމާއި ދެ ޤައުމުން ކަންބޮޑުވާ އެހެނިހެން ކަންތައްތަކާއިމެދު ދެ ފަރާތުންވެސް ވާހަކަ ދައްކާފައިވާކަމަށް މި ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. ހަމަހަމަކަމާއި އިޙްތިރާމާއެކު ދެފަރާތުންވެސް ވަނީ ވާހަކަތައް ދައްކާފައިކަމަށްވެސް ބުނެފައިވެއެވެ.
މި ބައްދަލުވުމާއި ބެހޭގޮތުން ވޮޝިންގްޓަނުންވެސް ބުނެފައިވަނީ ބައްދަލުވުމަކީ ހަރުދަނާ ބައްދަލުވުމެއް ކަމަށާއި ބައިޑަން ސަރުކާރުގެ 'ވޯރކަރ ސެންޓަރޑް ޓްރޭޑް ޕޮލިސީ' އުޞޫލުތަކާއި ބެހޭގޮތުން ކެތްރީން ވަނީ ވާހަކަދައްކާފައިކަމަށެވެ. މީގެއިތުރުން އެމެރިކާ އަދި ޗައިނާގެ ވިޔަފާރީގެ ގުޅުންތަކުގެ ރިވިއުގެ ވާހަކަތަކާމެދުވެސް ވަނީ މަޝްވަރާތައްކޮށްފައިކަމަށް ވޮޝިންގޓަނުން ބުނެއެވެ.