ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އިންޑިއާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
ސޯޝަލް ހައުސިންގ ގޮތުގައި ތަރައްޤީކުރާ މި 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަޝޯކާ ބިލްޑްކޮން ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މޭނެޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރެވެ. އަދި އަޝޯކާ ބިލްޑްކޮން ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަޖޭ ކަންކަރިޔާއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މި 2،000 ހައުސިންގ ޔުނިޓްގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިންޖިނިއަރިންގ، ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އުޞޫލުންނެވެ.
މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ 2 ކޮޓަރީގެ 500 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީ ގެ 1500 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 140 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މި މަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރު ދުވަސް ނަގާނެކަމަށް ބެލެވޭކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.
އަޝޯކާ ބިލްޑްކޮން ލިމިޓެޑަކީ އިންޑިއާގެ އިތުރުން އެކި ޤައުމުތަކުގައި ކާމިޔާބުކަމާއެކު ބޮޑެތި ޕްރޮޖެކްޓްތައް ފުރިހަމަކޮށްފައިވާ ކުންފުންޏެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން 2000 ހައުސިންގ ޔުނިޓް އެޅުމަށް މިދިޔަ މާރިޗުމަހުވެސް އިންޑިއާގެ ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ. އެ 2000 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއެވެ. މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓް އިމާރާތްކުރެވޭނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރުޔިށްގެންދިއުމަށް ރޭވިފައިވަނީ އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރާއި 1 މަސް ދުވަސް ނަގާނެކަމަށް ބެލެވެއެވެ.