ޚަބަރު

ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން އާންމުވި މައުލޫމާތު ކޮމިޓީން ބަލަނީ


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި އާންމުކޮށްފައިވާ މައުލޫމާތާއި ގުޅިގެން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ބެލުމަށް ނިންމައިފިއެވެ.

އޮންލައިން ނޫހެއްކަމަށްވާ މިހާރު ނޫހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސެކިއުރިޓީ އާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިމަނައިގެން ލިޔެފައިވާ އާޓިކަލް އާއި ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މަޢުލޫމާތާއި، ޚާއްޞަކޮށް އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްޞީލީ މަޢުލޫމާތު ބަޔާންކޮށްފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިފަދަ މަޢުލޫމާތަކީ އާންމުކޮށް ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަން ޢާންމު ރައްކާތެރިކުރުމުގެ ގޮތުން މަޢުލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ޚާއްޞަކޮށްފައިވާ ބަޔަކު އެއްކުރާ މަޢުލޫމާތުތަކެއް ކަމަށް ކޮމިޓީން ދެކޭކަމަށެވެ.

ނަމަވެސް މި މަޢުލޫމާތު އެގޮތަށް ޢާންމު ވުމަކީ، ރައީސް ނަޝީދުގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ގ.ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއް ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް، ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ޙިއްސާކުރުމަކީ މަނާކަމެއްކަމަށާއި އަދި އެއީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްކަމަށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލައަކީ ޤަޢުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިމައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. އަދި އެމަނިކުފާނުވަނީ ޖަރުމަންވިލާތުގެ ހޮސްޕިޓަލަކުންވެސް އިތުރު ފަރުވާ ހޯއްދަވާފައެވެ.