ޚަބަރު

އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި


ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކުރައްވައިފިއެވެ.

އެސްޕީޖީގެ ކޮމާންޑަރުންގެ ގޮތުގައި މިހާރު ތިއްބެވި ކޮމާންޑަރުން ބަދަލު ކުރައްވާފައިވަނީ ކޮން ސަބަބަކާއި ހެދިކަމެއް ހާމަނުކުރެއްވި ނަމަވެސް މިބަދަލު ގެނެސްފައިވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުންވެސް ބަލަމުންދާ ދަނޑިވަޅެއްގައެވެ.

ސިފައިންގެ އެސްޕީޖީއަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ ލެފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ މޭޖަރ މޫސާ ރަމީޒު އެވެ. މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލު ކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.