ޚަބަރު

ފިނޮޅަށް ގެއްލުންދިން މައްސަލާގައި ގިލި ލަންކަންފުށި ރިސޯޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި


މާލެއަތޮޅު ހިންމަފުށީ ކައިރީ އޮތް ފިނޮޅަކަަށް އެސަރަޙައްދުގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުން އަރައި ގެއްލުންދިން މައްސަލާގައި އެރިސޯޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ހިންމަފުށީ ކައިރީގައި އޮތް މިފިނޮޅު ހަލާކުރި މައްސަލަ ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން ނަމަވެސް މިކަމުގެ ރިޕޯޓް ރަސްމީކޮށް ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭއަށް ހުށަހެޅީ ހިންމަފުށީ ކައުންސިލުން ކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވައެވެ.

އީޕީއޭއާއި ފުލުހުން ކުރި ތަހުގީގުގައި މިމައްސަލާގައި ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން ފާހަގަވެފައިވާކަމަށެވެ. އަދި ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކެނޑުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ ޢަދަދު ކަމަށްވާ 562,980.00 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިންވަނީ ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޓަރ، ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް އަންގަފައެވެ.

ހިންމަފުށި ކައުންސިލުން މައުލޫމާތުދެއްވި ގޮތުގައި ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ކޯރު ކަނޑާފައިވުމުގެ ސަބަބުން މިހާރު ފިނޮޅުވަނީ ވަރަށް ބޮޑަށް ގިރައިގެންގޮސްފައެވެ.