ތަޢުލީމު

ދިރާސީ އައު އަހަރުގެ ފޮތްތައް ޖޫން 24ގެ ނިޔަލަށް ދަރިވަރުންނަށް ލިބޭނެ - އެޑިއުކޭޝަން މިނިސްޓަރ


2021ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ޖޫން 24ގެ ނިޔަލަށް ދަރިވަރުންނަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ 2021ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިނިސްޓްރީން ވަމުންދާ ތައްޔާރީތައް ހިއްސާކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، 2020ވަނަ ދިރާސީ އަހަރުގެ ކިޔެވުން ޖޫން 24ގައި ނިމޭއިރު، ކުރިއަށްއޮތް އެކަޑަމިކް އަހަރަށް އަލަށް ސްކޫލަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޖޫންމަހުގެ 6ވަނަ ދުވަހުން ފެށިގެން މިހާރު ފޯމުލާފައިވާ ބެލެނިވެރިންނަށް މިނިސްޓްރީގެ ފަރާތުން ޖަވާބުދޭން ފަށާނެކަމަށެވެ. 2021ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މާލޭއާއި އަތޮޅުތަކުގެ ސްކޫލްތަކަށް ބެހުމުގެ ކަންކަން މިހާރު ފަށާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް. އެގޮތުން މިހާރު ބުކް ޑިސްޓްރިބިއުޝަން ފަށްޓައިފިން. އަޅުގަނޑުމެންގެ އުއްމީދަކީ ސްކޫލް ނިމޭ ދުވަހު އެއީ ދަރިވަރުންނަށް ހަމަ ހުރިހާ ފޮތްތަކެއް ލިބޭނެ ދުވަހަށްވާނެކަމަށް. އެހެންވީމަ ހުރިހާ ރަށްތަކަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ" މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިވަގުތު ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކާގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފައިވާއިރު، އެތަނުގައި އިތުރު ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން 3 ޕްރީ-ސްކޫލަކާއި، ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްސަ އިތުރު ސްކޫލްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"3 ޕްރީ ސްކޫލެއްގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިދަނީ ރާވަމުން. އޭގެ އިތުރުން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ސަލާޙުއްދީން ސްކޫލުގެ މަސައްކަތް މިވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރެވިފައި. އަދި އިތުރަށް 4 ސްކޫލެއް އެޅުމުގެ މަސައްކަތްތައްވެސް ހަމަކުރިއަށް އެބަދޭ. ދެން މާލޭގައި ދަރުމަވަންތަ ސްކޫލުގެ މަސައްކަތްވެސް ހަމަ ވަރަށް ބާރަށް އެބަ ކުރިއަށްދޭ" މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމާއެކު އެކީގައިހެން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް ނުހުއްޓި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން 2009ވަނަ އަހަރުން ފެށިގެން ފަށާފައިވާ އެކި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢެއް މިހާރު އެއްކޮށް ނިމިފައިވާކަމަށާއި، 37 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކޮންޓްރެކްޓް ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 57 މަޝްރޫޢެއް ޓެންޑަރިންގ މަރުހަލާގައި އޮތްއިރު، އިތުރު 47 މަޝްރޫޢެއް ޕްލޭންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާގުޅިގެން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަކިން ޚާއްސަކޮށް އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ދަރިވަރުންގެ ކިޔެވުން ނުހުއްޓި ކުރިއަށްގެންދިއުމުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާބެހޭ އިދާރާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވާލި އެކަމިކް ކަލަންޑަރުގައިވާގޮތުން މި ހިނގާ 2020 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީއަށްދާނީ ޖޫން 24 ގައެވެ. އަދި 2021 ވަނަ ދިރާސީ އަހަރުގެ ކިޔެވުން 10 އޯގަސްޓުގައި ފެށީގެންދާއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ 2022ވަނަ އަހަރުގެ ޖޫން 30 ގައެވެ.