ކޯވިޑް-19

ކޯވިޑް-19 ދިފާޢު : އިތުރު 1،168 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒް އިތުރު 1،168 މީހަކު ފުރިހަމަކޮށްފިއެވެ. ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ފަސްދޮޅަސް ފަސް ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 1،168 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 310 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 858 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 165،181 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި ރާއްޖޭން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 422 މީހަކު ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި މާލޭއިން ފުރަތަމަ ޑޯޒް ޖެހި 170 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 252 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 309،444 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.