ދުނިޔޭގެ ވިޔަފާރި

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފްރާންސްގެ އިޤްތިޞާދަށް ހީނަރުކަން


ޔޫރަޕް ސަރަޙައްދުގެ 2 ވަނައަށް އެންމެ ބޮޑު އިޤުޠިޞާދު އޮންނަ ފްރާންސުގެ އިޤްޠިޞާދު 0.1 އިންސައްތައިގެ ދަށްވުމަކާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިސެޝަނަކަށް ހިނގައްޖެއެވެ.

މިދިޔަ އަހަރުގެ ފަހު ތިންމަހުގައި 1.5 އިންސައްތައަށް އިޤްޠިޞާދު ދަށްވެ ރިސެޝަނަކަށް ގޮސްފައިވާއިރު، މިއީ ފްރާންސް ރިސެޝަނަކަށް ދިޔަ ދެވަނަ ފަހަރެވެ.

ނޭޝަނަލް އިންސްޓިއުޓް އޮފް ސްޓެޓިސްޓިކްސް އެންޑް އިކޮނޮމިކް ސްޓަޑީޒްއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ފްރާންސުގެ ޖީޑީޕީ ދަނީ ދުވަހެއް ދުވަހަށް ދަށަށްދަމުންނެވެ. އަދި ޚާއްޞަކޮށް ޢިމާރާތް ކުރުމުގެ ސިނާޢަތަށް ލަފާކުރި ވަރަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑްގެ ބަލިމަޑުކަމާ ހެދި 3 ވަނަ ފަހަރަށް ފްރާންސް ފުރަންބަންދަކަށް ދިޔަފަހުން އެޤައުމުގެ އިޤްޠިޞާދަށް އެންމެ ރަނގަޅު ކުރިއެރުންތަކެއް ހޯދި ކޮންސިއުމަރުން ޚަރަދުކުރާ މިންވަރުވެސް ދެވަނަ ކުއާޓަރުގެ ފުރަތަމަމަހު ވަނީ 8.3 އިންސައްތައަށް ދަށަށް ގޮސްފައެވެ.

ފްރާންސްގައި ބޭރަށް ނިކުމެ ނޫޅެން އަމުރުކޮށް އަޅާފައިވާ ފިވަޔަޅުތައް މިހާރު ދަނީ މަޑުމަޑުން ލުއި ކުރަމުންނެވެ. މިއާއެކު މިއަހަރުގެ 5 އިންސައްތައިގެ ކުރިއެރުމެއް އިޤްޠިޞާދަށް އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޔޫރަޕްގެ އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޖަރުމަނުވިލާތުގެ އިޤްޠިޞާދުވެސް ވަނީ ފުރަތަމަ ކުއާޓަރުގެ ދަށަށް ގޮސްފައެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ކޮންމެވެސް ވަރަކަށް އިޤްޠިޞާދު ރަނގަޅުވެފައި އޮތުމުގެ ސަބަބުން ރިސެޝަނަކަށް ނުދެއެވެ. އިނގިރޭސިވިލާތުގެ ޖީޑީޕީވެސް ޖެނުއަރީމަހުން މާރިޗާމަހާ ހަމައަށް 1.5 އިންސައްތައަށް ދަށްވެފައިވާއިރު ޖުމްލަކޮށް މިދިޔަ އަހަރު އެޤައުމުގެ އިޤްޠިޞާދަށް ވަނީ 9.8 އިންސައްތައިގެ ދަށްވުމެއް އައިސްފައެވެ.