ޚަބަރު

ޖޫންމަސް ފެށުނީ ކޯވިޑްގައި 4 މަރާއިއެކު


ކޯވިޑް ބަލީގައި މިއަދުގެ މިހާތަނަށް 4 މީހަކު ނިޔާވެއްޖެއެވެ. ނިމިދިޔަ މޭ މަހަކީ މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެ މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވި 4 މީހުންގެ ތެރެއިން 3 މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. ދެން ނިޔާވެފައިވަނީ އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލީޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައިވަނީ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. ބ.އޭދަފުށިން ނިޔާވީ ޢުމުރުން 87 އަހަރުގެ ފިރިހެނެކެވެ.

އޭދަފުށީ ފެސިލިޓީން ނިޔާވި މީހަކީ އެތަނުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. މީގެ ކުރިންވެސް ބ.އަތޮޅުން 3 މީހަކުވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ. އެތިން މަރުވެވެސް ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހުން ނިޔާވުމާއި ގުޅިގެން ހެދި ސާމްޕަލް ޓެސްޓުން ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ.

ނިމިދިޔަ މޭ މަހު ކޯވިޑްގެ ނުރައްކާ ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރިވެގެން ދިޔަ މަހެވެ. މޭ މަހު 145،921 ސާމްޕަލް ނަގާ ޓެސްޓުކޮށްފައެވެ. މީގެތެރެއިން 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިދިޔަ މަހުގެ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު މަހުގެ 19 ދުވަހު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދުތައް ހުރީ 1000 މަތީގައެވެ. އަދި މޭމަހުގެ 20 ވަނަދުވަހު ވަނީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 2000 މައްޗަށްވެސް އަރާފައެވެ.

މޭމަސް ފެށުނުއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 އިންސައްތައިގައެވެ. މި ރޭޓް މައްޗަށް އަރަމުން ގޮސް މިއަދަދު ވަނީ 39.56 އިންސައްތައަށް އަރާފައެވެ. އެހެންނަމަވެސް ސަރުކާރުން އެޅި ފިޔަވުތަކާއި އެކު މިއަދަދު ވަނީ 13 އިންސައްތަ ދަށަށް ޖެހިފައެވެ. މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވީވެސް މޭ މަހުއެވެ. މޭމަހު އެކަނި 88 މީހުން ވަނީ ނިޔާވެފައެވެ. މީ އެވްރެޖްކޮށް ބަލާނަމަ ދުވާލަކަށް 2 މަރަށްވުރެ ގިނަ އަދަދެކެވެ. މޭމަހު މިބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ނިޔާވީ މޭމަހުގެ 24 ވަނަދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އެޗްޕީއޭގެ ތާފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 24،000އަށް ވިރެ ގިނަ މީހުން އެބަތިއްބެވެ. ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ވިދާޅުވެއެވެ.