ޚަބަރު

އިސްލާމްދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފު ވާހަކަ ދެއްކުމަކީވެސް ޖިނާޢީ ކުށަކަށް ހަދަނީ


އިސްލާމްދީނާމެދު މީސްތަކުން މެދުގައި ނަފްރަތު އުފެއްދުމާއި ދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފްވާހަކަ ދެއްކުމަކީވެސް ޖިނާއީ ކުށެއްގެގޮތުގައި ކަނޑައަޅައި ޤާނޫނުލްއުޤޫބާތައް އިސްލާޙު ގެނައުމަށް ނިންމަވައިފިއެވެ.

ސަރުކާރުގެ ފަރާތުން މިހާރުވަނީ ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

މިއާއެކު އިސްލާމްދީނާމެދު މީސްތަކުން މެދުގައި ނަފްރަތު އުފެއްދުމާއި ދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފްވާހަކަ ދެއްކުމަކީވެސް ޖިނާއީ ކުށެއްގެގޮތުގައި ކަނޑައަޅައި ހުށަހެޅި އިސްލާޙުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޤާނޫނުލްޢުޤޫބާތުގެ 611 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް، ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުންކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނުލްއުޤޫބާތައް މިފަދަ އިސްލާހުތަކެއް ހުށަހެޅުމުގެ މަޤްސަދާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚު އިލްޔާސް ޖަމާލު ވިދާޅުވީ ޤައުމު ބިރުވެރިކަމަށްދާނެ ނުވަތަ ޤައުމުގެ ތެރޭގައި، ހަރުކަށި ފިކުރުގެ ސަބަބުން އަމަންއަމާންކަން ގެއްލޭ ވަރުގެ ކަންކަން ހިނގަން ސަރުކާރަކުން ޖާގަ ނުދޭނެކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސްގެންނާއި އެނޫން ގޮތްގޮތުންވެސް ގެންނަންޖެހޭ ބަދަލު ގެނެސްގެން މިކަންހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.

އޭނާ ވިދާޅުވީ އިސްލާމީ މުޖުތަމައެއްގެ ތެރޭގައި އެއްވެސް މުސްލިކަމާ ދިމާލަށް ކާފަރެކޭބުނެ ވާހަކަ ދެއްކުމާއި، ދީނާއި ގުޅޭގޮތުން ނަފްރަތު އުފެދޭފަދަ ވާހަކަ ދެއްކުމާއި، ދީނީ ހައްދުތަކާއި، ގުޅޭ އެކި ވާހަކަ ދެއްކުމަކީވެސް މިފަދަ ނުރަނގަޅު އަމަލުތައް ހިންގަން ޖާގަލިބޭ ކަންތައްތަކެއް ކަމަށެވެ. މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވޭނީ މިދެބައިވެސް، މުޖުތަމައުން ދުރުކުރެވިގެންކަމަށް ޝައިޚު އިލްޔާސް ޖަމާލު ވިދާޅުވިއެވެ.

"އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަން އޮތް ހުރިހާ މަސައްކަތެއް ކުރާނެ. އަދި އެއީ އިސްލާމީ ހުކޫމަތެއްގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއް މުޖުތަމައުގެ އެންމެންނަށް އަމަންއަމާންކަން ޤާއިމްކޮށް ދިނުމަކީ. އެގޮތުންގެ މަތީން މިއިސްލާހުވެސް ހުށަހެޅުނީ. ހަމަ އެއާއެކުގައި، އިތުރު އިސްލާހެއް ހުށަހެޅިގެންދާނެ، އެއީ ދީނާމެދު ނަފްރަތު އުފައްދުމާއި މިކަންކަމުންވެސް ހައްލު ލިބިގެންދާނެކަހަލަ އިސްލާހެއް ހުށަހެޅިގެންދާނެ. ހުރިހާ ރައްޔިތުންވެސް އެއްބާރުލުންދޭންވީ އަޅުގަނޑުމެންގެ ޤައުމު އިސްލާހުކޮށް ޤައުމުގައި އޮތް މިބިރުވެރި ފިކުރު ނައްތާލުމަށްޓަކައި، އެއީ ސިޔާސީ ގޮތުންވިޔަސް އެނޫން ގޮތަކުންވިޔަސް އެކަން ނައްތާލުމަށް މަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް ކާމިޔާބު ލބިގެންދާނެ." ޝައިޚު އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

ޤާނޫނުލްއުޤޫބާތައް މިފަދަ މިސްލާހު ތަކެއް ހުށަހެޅުމުގެ މައިގަނޑު މައިގަނޑު ބޭނުމަކީ ހަރުކަށި ފިކުރާއި، ހައްދު ފަހަނައަޅާފައިވާ ކަންކަން ހުއްޓުވުންކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ. އަދި ހަރުކަށި އަމަލުތަކަށް އިޝާރާތް ކުރައްވައި ޝައިޚު އިލްޔާސް ވިދާޅުވީ މަޖިދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައި އެތައް ބަޔަކު ނުރައްކަލަށް ވައްޓާލުމަކީ ސަރުކާރުން ޖާދަދޭނެ ކަންކަމެއް ނޫންކަމަށެވެ.

"އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ މުޖުތަމައުގެ އަމަންއަމާކަމުގެ ކިއްލާގައި ރެނދު އެޅުވޭނެ ހުރިހާ މަގެއް ބަންދު ކުރުމަށް. އެއީ އިސްލާމްދީން ގޮވާލާގޮތް." ޝައިޚު އިލިޔާސް ޖަމާލު ވިދާޅުވިއެވެ.

ޤާނޫނުލްއުޤޫބާތައް މިފަދަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވާއިރު، ސަރުކާރުންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްސަކޮށް ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓްލެވެލް މައްޗަށް ޖައްސައި، ޓެރަރިޒަމާ ދެކޮޅަށް ރާވާ ކަންކަން ހުއްޓުވައި، އެފަދަ ޢަމަލުތަކަށް ވާގިދޭ މީހުން ހައްޔަރު ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއްވެސް ދަނީ ހިންގަމުންނެވެ. ސަރުކާރުންވަނީ މުޖުތަމައުގެ އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނެސްގެންވެސް މިކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.