އާންމުންނާއި ވިޔަފާރިތަކުން ޚަރަދުކުރާ މިންވަރު އިތުރުވެ އޮސްޓްރޭލިއާގެ އިޤްޠިޞާދު މިދިޔަ ކުއާޓަރުގައި ކުރިއަރައިފިއެވެ.
އޮސްޓްރޭލިއަން ބިއުރޯ އޮފް ސްޓެޓިސްޓިކްއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މާރިޗްއާއި ހަމައަށް ވޭތުވެދިޔަ 3 މަސްދުވަހު އޮސްޓްރޭލިއާގެ އިޤްޠިޞާދު ވަނީ 1.8 އިންސައްތަ ކުރިއަރާފައެވެ.
މިއީ ރޮއިޓަރސްގެ މާހިރުން ލަފާކުރި މިންވަރާއި ޚިލާފަށް 3.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ސަބަބުން މުޅި އަހަރުގެ ފައިދާ ވަނީ 1.1 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ރިސެޝަނަށްފަހު މިއީ އެޤައުމުގެ އިޤްޠިޞާދަށް އައި ހެޔޮ ބަދަލަކެވެ.
އޮސްޓްރޭލިއާއަކީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް އިޤްޠިޞާދު އަނެއްކާވެސް އިއާދަކުރި 5 ޤައުމުގެ ތެރެއިން އެއް ޤައުމުކަމުގައި މާހިރުން ވިދާޅުވެއެވެ. އެވްރޭޖްކޮށް ބަލާއިރު އޮސްޓްރޭލިއާގެ އިޤްޠިޞާދު މިހާރު ހުރީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އިޤްޠިޞާދު ހުރިވަރަށްވުރެ 2.1 އިންސައްތަ ދަށުގައެވެ.
ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އޮސްޓްރޭލިއާއިން މިދިއަހަރު ވަނީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށް ގިނަ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތައްވެސް ބަންދުކޮށްފައެވެ. މީގެ ސަބަބުން ވެލްފެއަރ އިނާޔަތްތައް ހޯދުމަށް އާންމުން ވަނީ ކިޔު ހަދާފައެވެ. ނަމަވެސް އިޤްޠިޞާދު ރަނގަޅުވެގެން ދިއުމާއެކު ވިޔަފާރިތައް ވަނީ އަލުން ހުޅުވާލާފައެވެ.
ހިސާބުތައް ދައްކާގޮތުން އޮސްޓްރޭލިއާގެ އިޤްޠިޞާދުގެ 0.9 އިންސައްތައަކީ އަމިއްލަ އިންވެސްޓްމަންޓްތައްކަމަށާއި 0.7 އިންސައްތައަކީ ޢާންމުން ޚަރަދުކުރާ މިންވަރެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ ބަލިމަޑުކަމުގެ ކުރިން ހުރިވަރަށްވުރެ ދަށްވެފައެވެ.
އޮސްޓްރޭލިއާގެ ރިޒާރވް ބޭންކުން ބުނާ ގޮތުގައި އިންފްލޭޝަން ރޭޓް ބޭންކުގެ ޓާގެޓް ރޭޓް ކަމުގައި 2 ނުވަތަ 3 އިންސައްތައިގައި ހިފެހެއްޓުމުން ނޫނީ ބެންކުގެ އިންޓްރެސްޓް ރޭޓް 0.1 އިންސައްތައަށްވުރެ މަތި ނުކުރާނެކަމަށެވެ.
ނަމަވެސް ވެކްސިން ދެވޭލެއް މަދުވުމާއި އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީކަމުގައިވާ މެލްބަންގައި އިތުރު 7 ދުވަހުގެ މުއްދަތަކަށް ފުރަބަންދު އިތުރުކުރުމާއެކު އޮސްޓްރޭލިއާގެ އިޤްޠިޞާދާއިމެދު މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.