ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަޅާ ޖޫނިއަރ ކޮލެޖް އާއި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުތައް ޤާއިމްކުރުމާ ބެހޭ ގޮތުން އަލަށް އިންތިޚާބްވި ކައުންސިލްތަކާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ބައްދަލުކުރައްވައިފިއެވެ.
ޖޫނިއަރ ކޮލެޖް އެޅުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫ އާއި ނ.ކެނދިކުޅުދޫގައެވެ. ފުވައްމުލައް ސިޓީއާއި ކުޅުދުއްފުށި ސިޓީ އާއި ރ.އަލިފުށީގައި ޓިވެޓް ސެންޓަރުތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކ.ތުލުސްދޫގައި ހުރި ޕޮލިޓެކްނިކް ކެމްޕަސް ހިންގުން އަމިއްލަ ފަރާތަކާ ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އަލަށް އިންތިޚާބުވި ކައުންސިލްތަކުގެ މެމްބަރުންނަށް މިޕްރޮޖެކްޓް ހިނގާ ގޮތުގެ ތަފްސީލާއި މި ޕްރޮޖެކްޓްގެ މަޤްސަދާއި ބެހޭ މަޢުލޫމާތު މިނިސްޓަރ ހިއްސާކުރެއްވިއެވެ. އެގޮތުން މިޕްރޮޖެކްޓަކީ މީހުން ބިނާ ކުރުމުގެ ގޮތުން ރަށްރަށުގަ އާއި އަތޮޅުތަކުގެ މުސްތަޤްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދީ މަސައްކަތަކަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖޫނިއަރ ކޮލެޖް އާއި ޓިވެޓް ސެންޓަރުތައް ޤާއިމްވެގެންދާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް އަތޮޅު ތެރޭގައި ފަހި ކުރުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުންކުރެވޭ މަސައްކަތެއްގެ ގޮތުންކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި އިންސިޓިއުޓްތައް ޤާއިމްކުރެވޭނީ ދަނާލަކާއި އެކުގައި ކަމަށެވެ. އަދި އިންވެސްޓަރުންނަށް ޢިމާރާތް އަޅަންދޭ ބިމުގައި އިތުރަށް ރެވެނިއު ޖެނެރޭޓް ކުރުމަށް އެހެނިހެން ކަންކަން ކުރެވިދާނެކަންވެސް މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ފާހަގަކުރެއްވިއެވެ.
"މި ޒަމާނުގައި ދަނާލެއް ނެތްނަމަ އެހެން ރަށްރަށުން އަންނަ ކުދިންނަށް އެތަނުގައި ތިބެގެން ތަޢުލީމް ޙާސިލް ކުރުންފަދަ ކަންކަމެއް ނުކުރެވޭނެތީވެ، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ދިއުމަށް މިކަހަލަ އިންސްޓިޓިއުޓްތައް ހެދިގެން ދާއިރު ދަނާލެއްގެ ޚިދުމަތް ބޭނުންވާނެ."ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މި ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ދެއްކެވި ވާހަކައިގައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް ތާއީދުކުރައްވާފައެވެ. އަދި މިއީ ރަށްރަށުގެ ޢުމްރާނީ އަދި އިޖްތިމާއީ ތަރައްޤީ ކުރިއަރައިގެންދާނެ ފަދަ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމުއް ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ކައުންސިލްތަކުގެ މެމްބަރުން ދެއްވިއެއެވެ.
ހަޔަރ އެޑއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ޖޫނިއަރ ކޮލެޖް އެޅުމަށް ހަމަޖެހިފައިވާ ހއ.ދިއްދޫ އާއި ނ.ކެނދިކުޅުދޫގައި ކޮލެޖްތައް އަޅާދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.