އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރަޝިޔާއިން 107102 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް މި މުއްދަތުގައި ޒިޔާތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 23.4 އިންސައްތައެވެ. މިއާއެކު ރަޝިޔާ ވެފައިމިވަނީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާތްކުރާ ޤައުމަށެވެ.
މިދިޔަ އަހަރުތެެރޭ ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 61387 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަަނަށް ރަޝިޔާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުވަނީ 2019ވަނަ އަހަރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެވެސް މައްޗަށް އަރާފައެވެ. 2019ވަނަ އަހަރު އެޤައުމުން ރާއްޖެއަށް އައިސްފައިވަނީ 83369 ފަތުރުވެރިންނެވެ. އަދި އޭރު ރަޝިޔާއަކީ ރާއްޖެއަށް 6ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ކޯވިޑާއި ގުޅިގެން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޤައުމަކީ ރަޝިޔާއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އަވައްޓެރި އިންޑިއާއިންނެވެ. އެޤައުމުން މިއަހަރުގެ މިހާތަނަށް 89442 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރީ ޔޫކްރޭނުންނެވެ. އެޤައުމުން މިއަހަރުގެ މިހާތަނަށް 25344 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޖުމްލަ 457747 ފަތުރުވެރިން ވަނީ ރާއްޖެ އެތެރެވެފައެވެ. ވަކިވަކި މަހަށް ބަލާއިރު ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96882 ފަތުރުވެރިން އައިސްފައިވާއިރު މަރޗުމަހު 109585 ފަތުރުވެރިން އަދި އޭޕްރީލްމަހު ރާއްޖެއަށް 91200 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މި ނިމުނު މޭމަހު ރާއްޖެއަށް އައިސްފައިމިވަނީ 64613 ފަތުރުވެރިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.