ދުނިޔޭގެ ވިޔަފާރި

ޗައިނާ ކުންފުނިތަކުގައި އެމެރިކާއިން އިންވެސްޓްކުރުން ބައިޑަންވެސް މަނާކޮށްފި


އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޓް ޓްރަމްޕްގެ ސަރުކާރުން އިންވެސްޓްކުރުން މަނާކޮށްފައިވާ ޗައިނާގެ ކުންފުނިތަކުގައި އިންވެސްޓްކުރުން މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންވެސް މަނާކޮށްފިއެވެ.

59 ކުންފުންޏެއްގައި އެމެރިކާއިން މީހުންނަށް އިންވެސްޓްކޮށް ވިޔަފާރި ނުކުރެވޭކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ކުންފުނިތަކަކީ ޗައިނާގެ އަސްކަރިއްޔާ ގުޅުން އޮންނަ ކުންފުނިތަކެއްކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މަނާކުރި ކުންފުނިތައް ގަނެ އަމިއްލަވެސް ނުކުރެވޭނެކަމަށް ބައިޑަން ނެރުއްވި އަމުރުގައިވަނި ކަނޑައަޅުއްވާފައެވެ. އަދި މި ޢަމުރު އަންނަ އޯގަސްޓްމަހުގެ ދެވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެއެވެ.

އިންވެސްޓްކުރުން މަނާކޮށްފައިވާ ޗައިނާގެ ކުންފުނިތަކުގެ ތެރޭގައި ސްމާރޓް ފޯނު އުފައްދާ ވާވޭ ކުންފުންޏާއި ވީޑީއޯ ސާރވެލެންސް އާލާތްތައް އުފައްދާ ހިކްވިޝަން ހިމެނެއެވެ. މީގެއިތުރުން އެޤައުމުގެ ބޮޑެތި ޓެލެކޮމިޔުނިކޭޝަން ކުންފުނިތައް ކަމަށްވާ ޗައިނާ މޮބައިލް އަދި ޗައިނާ ޓެލެކޮމިޔުނިކޭޝަން އެންޑް ޔުނިކޮމްވެސް މި ލިސްޓުގައި ހިމެނެއެވެ.

ޓްރަންޕު ނިންމާފައިވާ ނިންމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރީ ޖެހުނީ ޗައިނާގެ ޖާސޫސީ ޓެކްނޮލޮޖީން އެމެރިކާއަށް ދެމުންދާ ގޮތް ނޭގޭ އިންޒާރުތަކުގެ ސަބަބުންކަމުގައި ވައިޓް ހައުސްއިން ބުނެއެވެ. އެހެންނަމަވެސް އިންޒާރުތައް ދޭ ވާހަކަ ޗައިނާއިން ވަނީ ދޮގުކޮށްފައެވެ . އަދި އެމެރިކާއިން ބޭ އިންސާފުން ޗައިނާގެ ކުންފުނިތައް ހުއްޓުމަކަށް ގެނެސްފައިވާކަމަށްވެސް ޗައިނާއިން ބުނެއެވެ. މިކަމުގެ ސަބަބުން ގެއްލުންވާނީ ހަމައެކަނި ޗައިނާގެ ކުންފުނިތަކަށް ނޫންކަމަށާއި އެމެރިކާގެ އިންވެސްޓަރުން ހިމެނޭގޮތަށް މުޅި ދުނިޔޭގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން މިކަމުގެ ސަބަބުން އެމެރިކާއަށް ގެއްލޭނެކަމަށްވެސް ޗައިނާއިން ބުނެއެވެ.

ބައިޑަންގެ މި ނިންމުމުން ދޭހަ ވަނީ ޗައިނާއާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުން އެމެރިކާއިން އަވަސް އަރުވާލައިގެން ނޫޅޭކަންކަމަށް މާހިރުން ބުނެއެވެ. ސިޔާސާ ބައެއް ކަންކަމާއި ހެދި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން މިހާރުވެސްވަނީ އިތުރުވެފައެވެ. އެމެރިކާ އަދި ޗައިނާގެ އޮފިޝަލުން މާރިޗްމަހު އަލަސްކާގައި ބޭއްވި ބައްދަލުވުން ނިންމަލާފައިވަނީވެސް ހިތްހަމަނުޖެހުންތަކާއި އެކުކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޯވިޑްގެ އަސްލު ހޯދުމާއި ޗައިނާގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެން ފަހަކަށް އައިސް ދެ ޤައުމުގެ ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާއި މެދު ދެ ފަރާތުންވެސް ވަނީ ވަރަށް ފަހުންވެސް މަޝްވަރާތައް ބާއްވާފައެވެ.