އެމެރިކާއިން ޑޮލަރު ބޭނުންކުރަނީ އިޤްޠިޞާދީ އަދި ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަމަށާއި އެކަން ގޮތަށް ނުކުރުމަށް ރަޝިއާގެ ރައީސް ވުލަޑިމިޔަރ ޕުޓިން އެމެރިކާއަށް ގޮވާލައިފިއެވެ.
ރަޝިޔާގެ ރައީސް ވިދާޅުވީ އެމެރިކާގެ ޑޮލަރު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނަމަ ރަޝިއާއިން ތެލާއި ގޭހުގެ ވިޔަފާރީގައި ޔޫރޯ އަދި އެހެން ޤައުމުތަކުގެ ފައިސާ ބޭނުންކުރަންޖެހިދާނެކަމަށެވެ.
ރަޝިއާއިން ޑޮލަރު ބޭނުންކުރުން ހުއްޓާލަން ބޭނުންނުވާކަމާއި ނަމަވެސް އެމެރިކާއިން ޑޮލަރުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާކަމަށް ޕުޓިން ވިދާޅުވިއެވެ.
ސަލާމަތީ ކަންކަމުގެ ހަތިޔާރާއި އެނޫންވެސް ތަކެތި ވިއްކުމުގައާއި ފޮރިން އެކްސްޗޭންޖް ރިޒާރވް މަދުކުރުމުގައި އެހެން ޤައުމުތަކާއި މުޢާމަލާތް ކުރާއިރު ޑޮލަރު ބޭނުންކުރުމުގެ ސަބަބުން ޑޮލަރަށް ލިބިފައިވާ ޚާއްޞަކަން ގެއްލި އެމެރިކާއަށް ގެއްލުންވާނެކަމުގައި ޕުޓިން ވަނީ ވިދާޅުވެފައެވެ.
މިވާހަކަތައް ޕުޓިން ދައްކަވާފައިވަނީ ތެލުގެ ފަންޑުގައި ޑޮލަރު ބޭނުން ނުކުރުމަށް ނިންމައި އެކަން ރަޝިއާއިން އިޢުލާނުކުރިތާ އެއްދުވަސް ފަހުންނެވެ.
އެމެރިކާގެ ރައީސްއާއެކު ޖޫން މަހު ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސަމިޓް ބައްދަލުވުމުގެ ކުރިން ޕުޓިން މި ވާހަކަތައް ދައްކަވާފައިވާއިރު އޭނާ ވަނީ ދުނިޔޭގެ އެންމެ ތަޖުރިބާކާރު ލީޑަރަކީ ޖޯ ބައިޑަންކަމަށް ވިދާޅުވެ ބައިޑަންއަށް ތަޢުރީފްވެސް ކުރައްވާފައެވެ.