ޚަބަރު

ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފެރެންސެއް ބާއްވަނީ


ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފެރެންސެއް ބޭއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ މި ކޮންފަރެސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސްއާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރުގައެވެ.

މިކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށާއި ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކަށް އެންމެ ރަނގަޅު އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަކީވެސް މިކޮންފަރެންސްގެ ޒަރީއާއިން ފަހިވެގެންދާނެ ކަމެއްކަމަށެވެ.

މިކޮންފެރެންސް ފެށުމުގެ ގޮތުން ދެއްވާ ތަޤްރީރުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާމިނަތު ޝައުނާ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދިވެހި ސަރުކާރުންގެ ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޓަރނެޝަނަލް ސޯލަރ އެލަޔަންސްގެ ރައީސްއާއި އިންޑިއާގެ ނިއު އެންޑް ރިނިއުވަބަލް އެނާރޖީ މިނިސްޓަރ ރާޖް ކުމާރު ސިންގ ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންފަރެންސްގައި ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ހަކަތައިގެ އިންފްރާސްޓަރަކްޗަރގެ ދައުރާއި ބެހޭގޮތުން ވާހަކަދެއްކެވުމަށް ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. މިޕެނަލް ޑިސްކަޝަންގައި ސީޝެލްސްގެ ތިމާވެށީގެ ވަޒީރު ފްލެވިއަން ޖޯބާރޓް އާއި ސްރިލަންކާގެ ހަކަތައިގެ ވަޒީރު ދުއްލަސް އަލަހައްޕެރުމާ އާއި މޮރިޝަސްގެ ހަކަތައިގެ ވަޒީރު ޖޯޖް ޕިއަރޭ ލެސްޖޮންގާޑްގެ އިތުރުން ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރީގެ ޕާމަނަންޓް ސެކްރަޓަރީ އަޖްވަދު މުސްތަފާ ބައިވެރިވެވަޑައިގަންނަވާނެއެވެ.