ރާއްޖެއިން އިތުރު 552 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 68,502އަށް އަރާފައެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 552 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 271 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 249 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 31 މީހުންނާއި، ތަރައްޤީކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 68،502 އަށްވަނީ އަރާފައެވެ.
މެއި މަސް ނިމުނުއިރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 24000އިން މަތީގައި ހުރިނަމަވެސް، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދުވަނީ ދަށްވާން ފަށާފައެވެ. އަދި ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ ޢަދަދު ވަނީ 18000އަށް ދަށްވެފައެވެ. އެގޮތުން މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ ޢަދަދު އުޅެނީ 18،462ގައެވެ.
ރާއްޖޭގައި މި ބަލީގަ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ދަށަށް ގޮސްފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 164އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1758 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 49،844 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް 5043 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 188 މީހަކު ވަނީ ނިޔާވެފައިވެއެވެ.