މިދިޔަ މޭމަހު ޗައިނާއަށް ރެކޯޑް އަދަދަކަށް މުދާ އެތެރެކޮށްފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މޭމަހަކީ ވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި އެންމެ ގިނައިން މުދާ އިމްޕޯޓްކުރި މަސްކަމަށެވެ.
ޗައިނާއަށް މުދާ އިމްޕޯޓްކުރި މިންވަރު އިތުރުވިނަމަވެސް، މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ ލަފާކުރިވަަރަށްވުރެ ދަށްވެފައެވެ.
އެމެރިކާ ޑޮލަރުން ބަލާއިރު މެއި މަހު ޗައިނާއަށް މުދާ ބޭރުކުރި މިންވަރު އިތުރުވެފައިވަނީ އެންމެ 27.9 އިންސައްތައަށެވެ. މިއީ އޭޕްރީލް މަހު އިތުރުވެފައިވާ 32.3 އިންސައްތައަށްވުރެ ދަށް އަދި މާހިރުން ލަފާކޮށްފައިވާ 32.1 އިންސައްތައަށްވުރެވެސް ދަށް ޢަދަދެއްގެ ކުރިއެރުމެކެވެ.
އަނެއްކޮޅުން މުދާ ބޭރުކުރާ މިންވަރު ވަނީ 51.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އޭޕްރީލްމަހު މި ޢަދަދު ހުރީ 43.1 އިންސައްތައިގައެވެ. ނަމަވެސް މިއީ ރޮއިޓަރސްގެ މާހިރުން ލަފާކޮށްފައިވާ 51.5 އިންސައްތައަށްވުރެ ދަށް ޢަދަދެކެވެ. 2011 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު މުދާ އެތެރެކުރާ މިންވަރަށް އައި އެންމެ ބޮޑު ކުރިއެރުމަކީ މިއީއެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ޤައުމުތަކުން ލުއި ދިނުމުގެ ސަބަބުންނާއި ލިކުއިޑިޓީ އިތުރުވުމާއި ގުޅިގެން ދަނގަޑާއި ލޮއި ފަދަ މަޢުދަނުތަކާއި އެހެނިހެން ތަކެތީގެ އަގުވެސް ވަނީ މަތިވެފައެވެ.
ޗައިނާ އަދި އެމެރިކާއާއި ދެމެދު ވެފައިފާ ވިޔަފާރީގެ އެއްބަސްވުމުގެ ފޭސް 1 ނިމުމުގެ ކުރިން މި ވިޔަފާރީގެ ގުޅުން އިތުރަށް މުރާޖާ ކުރަމުންދާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ޖެނުއަރީމަހު އެމެރިކާގެ ވެރިކަމަށް ބައިޑަން އިންތިޚާބުވެ ވަޑައިގަތް ހިސާބުން ޗައިނާއިން ދަނީ އެމެރިކާގެ ވިޔަފާރިއާއި އިޤްޠިޞާދީ އޮފިޝަލުންނާއި ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ. ޗައިނާގެ ވިޔަފާރިތައް ތަމްސީލުކުރާ ވައިސް ޕްރިމިއަރ ލުއި ހީ ވަނީ އެމެރިކާގެ ވިޔަފާރިތައް ތަމްޞީލުކުރާ ކެތްރީން ތައި އާއި ބައްދަލުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެންއާއި މިދިޔަ ހަފްތާގައި ވަނީ ބައްދަލުކުރައްވާފައެވެ.