ސިޔާސީ

ފޮރިން ސަރވިސް އޮފިސަރެއްގެ މަޤާމުން ދުނިޔޭގެ އެންމެ ބާރުގަދަ އެއް ލީޑަރަށް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާކަމަށް ވިދާޅުވުމަކުން މުޅިން ދޮގަކަށްނުވާނެއެވެ. ވަރަށްވެސް އާދައިގެ މަޤާމަކުން ޚާރިޖީ ދާއިރާއަށް ވަދެވަޑައިގެންނެވި މިނިސްޓަރ ޝާހިދު މިވަނީ މިހާރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް މަޤާމަށް ހޮވިވަޑައިގެންފައެވެ. މިނިސްޓަރ ޝާހިދު އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަށް އިންތިޙާބުވެވަޑައިގަތުން ވެގެންދާނީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ލިބިގެންދާ ފަޙުރަކަށެވެ. އަދި މިއީ ދިވެހިންނާއި ދިވެހިރާއްޖެއަށް ލިބިގެންދާ ބޮޑު ޝަރަފެއްކަން ޔަޤީނެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖޭގެ ޙަރިޖީ ދާއިރާއާއި ގުޅިވަޑައިގަތީ ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައި 1983 ވަނަ އަހަރެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ އެންމެ 21 އަހަރެވެ. މިނިސްޓަރ ޝާހިދުވަނީ އެމެރިކާގެ ދަ ފްލެޗާ ސްކޫލުން، އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކެންބެރާއިން ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން އަންޑަރ ގްރެޖުއޭޓް ޑިގްރީ ފުރިހަމަކުރައްވާފައެވެ. ފޮރިން މިނިސްޓްރީއާއި ގުޅިވަޑައިގެންނެވިތާ 10 އަހަރުފަހުން އެ މިނިސްޓްރީގެ އިންޓެނޭޝަނަލް އެފެއާޒްގެ ޑިރެކްޓަރުކަމުގެ މަޤާމު ޝާހިދަށް ލިބިވަޑައިގަތެވެ. ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ދުނިޔޭގައި ތަމްޞީލުކުރެއްވުމަށް މިނިސްޓަރ ޝާހިދު ފެށްޓެވި ދަތުރުފުޅުގެ ފެށުމަކީ އެއީއެވެ.

ޝާހިދު ވަނީ 1987 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރާއި ހަމައަށް އދ.ގެ ހުރިހާ ޢާންމު މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެން، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެއްވެސް ވަރުބަލިކަމެއް ނެތި ވަކާލާތުކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޤައުމުތަކަށް މާލީގޮތުންނާއި، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ގޮތުން ކުރިމަތިވާ ތަފާތު ގޮންޖެހުންތައް އދ.ގެ ސަމާލުކަމަށް ގެނައުމުގައި މިނިސްޓަރ ޝާހިދުގެ ދައުރު ބޮޑެވެ.

އޭގެ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ނުވަތަ ޗީފް އޮފް ސްޓާފްގެ މަޤާމު 10 އަހަރު ފުރުއްވުމަށްފަހު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝާހިދު ޢައްޔަނުކުރައްވާފައިވަނީ 2005 ވަނަ އަހަރެވެ.

މިނިސްޓަރ ޝާހިދު ފޮރިން މިނިސްޓަރުގެ މަޤާމު ފުރުއްވާ މިއީ ދެވަނަ ފަހަރެވެ. އެމަނިކުފާނު ރާއްޖޭގެ ފޮރިން މިނިސްޓަރަކަށް އެންމެ ފުރަތަމަ ޢައްޔަނުކުރައްވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2007 ވަނަ އަހަަރެވެ. އަދި ދެވަނަ ފަހަރަށް އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2018 ވަނަ އަހަރެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ދިވެއްސެއްގެ ޝަރަފާއެކު ރާއްޖޭގެ ތާރީޚުން ޖާގަހޯއްދަވާފައިވާ މިނިސްޓަރ ޝާހިދު، އދ.ގެ މައި އިދާރާގައި ހުންނަވާ ރޭ ދެއްވި ތަޤްރީރަކީވެސް ވަރަށް ތާރީޚީ ތަޤްރީރެކެވެ. އެމަނިކުފާނުގެ ތަޤުރީރު ފެއްޓެވީވެސް ދިވެހިންގެ ދިވެހި ވަންތަކަމާއި ޤައުމިއްޔަތުކަމުގެ މައްޗަށް އިޝާރާތްކުރައްވާ ސީފާ ދިވެހި ބަހުންނެވެ. އަދި އެމަނިކުފާނު ޚާރިޖީ ދާއިރާއަށް އެންމެ ފުރަތަމަ ވަދެވަޑައިގެންނެވި ހަނދާންތައް އައުކުރައްވާ، އެ ދާއިރާއިން ކުރިއަށްދާން ހިތްވަރު ލިބި، އެންމެ ބޮޑު ޝަޢުގެއް އުފެދިގެން އައީ އދ.ގެ ޗެމްބަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިންކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

"ހަނދާނަން އަންނަނީ މި ހޯލުތަކުގެ ތެރޭ ހިނގާފައި އުޅުނު ހަނދާން. މި ޗެމްބަރަށް ވަންނަ ހަނދާން. މިތަނުގެ ތާރީޚުން ޝައުގު އިތުރުވެ، ކުރިއަށް ދިޔުމުގެ ހިތްވަރު ލިބިގެން ދިޔަ. އަދި މަލްޓިލެޓެރަލިޒަމް ނުވަތަ ގިނަ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ހުރި ކުޅަދާނަ ކަމާއި ބާރާއި މެދު ހައިރާންކަން އިތުރުވި. އަދި އެހެންމެ ކުރިއަށް ދެވެން އޮތް މަގަކީ މަލްޓިލެޓެރަލިޒަމްކަން ގަބޫލު ކުރެވިގެން ދިޔަ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އދ. މައި އިދާރާގައި ދިވެހި ބަހުން ދެއްކެވި ވާހަކަފުޅުތައް ފާހަގަކުރައްވާ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީ ވަނީ އެމަނިކުފާނަށް ތަޢުރީފުކުރައްވާފައެވެ. އަދި މިނިސްޓަރުގެ ވާހަކަފުޅުން ދުނިޔެއަށް ދިވެހީންގެ ހައިބަތު ހާމަކޮށްދީފައިވާކަމަށާއި، މިނިސްޓަރު ދެއްކެވި ލާމަސީލު ނަމޫނާއަށްޓަކައި ފަޚުރުވެރިވާކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

"
ހަނދާނަން އަންނަނީ މި ހޯލުތަކުގެ ތެރޭ ހިނގާފައި އުޅުނު ހަނދާން. މި ޗެމްބަރަށް ވަންނަ ހަނދާން. މިތަނުގެ ތާރީޚުން ޝައުގު އިތުރުވެ، ކުރިއަށް ދިޔުމުގެ ހިތްވަރު ލިބިގެން ދިޔަ
އަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް

ރާއްޖޭގެ ޙާރިޖީ ދާއިރާގައި މިނިސްޓަރ ޝާހިދުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކަށް ބަލާލާއިރު، ކޮމަންވެލްތާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވަނިކޮށް އެ ގުޅުން އަލުން އިއާދަކޮށް، ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ އަލުންވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. އަދި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ހޯސްޓްކުރުމަށް ރާއްޖޭން ހުށަހެޅި ބިޑް ކާމިޔާބުކުރުމުގައިވެސް ސީދާ މިނިސްޓަރ ޝާހިދު އިސްވެ ހުންނަވާ އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައިވެސް ބޭއްވިގެންދާ ފުރަތަމަ އިންޓަރނޭޝަނަލް މަލްޓި-ސްޕޯޓްސް މުބާރާތަށެވެ.

އިންސާނީ ހައްޤުތަކާއި ޖިންސީ ހަމަހަމަކަން ޤާއިމުކުރުމަށް ވަކާލާތުކުރެއްވުމުގައިވެސް މިނިސްޓަރ ޝާހިދަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން މިނިސްޓަރ ޝާހިދު އެޅުއްވި ފިޔަވަޅުތަކާއެކު ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީވެސް މިހާރު އަންހެންނެވެ.

މިނިސްޓަރ ޝާހިދަކީ ޚާރިޖީ ދާއިރާގެ އިތުރުން، ރާއްޖޭގެ ސިޔާސީ ދާއިރާގައިވެސް މަސައްކަތްޕުޅުކުރައްވާ، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި 25 އަހަރު ޚިދުމަތްކުރައްވާފައެވެ. އަދި ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވި ބޭފުޅަކީވެސް ޝާހިދެވެ.

ޒުލްފީން އަބްދުﷲ

މަރުހަބާ ޝާހިދު