ޚަބަރު

ރާއްޖެއިން ކޯވިޑް-19ޖެހުނު ބައިލައްކައަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖޭގައި ކޯވިޑް ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދު ބައިލައްކައަށްވުރެ އިތުރުވެއްޖެއެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ބަލިން ރަނގަޅުވީ މީހުންނާއެކު މިހާރު 51 ހާހަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް 370 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 217 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 148 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 04 މީހުންނާއި، ތަރައްޤީކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 68,872އަށް އަރާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ 17461 މީހުން މިވަގުތު ތިބިއިރު މީގެތެރެއިން 152 މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1369 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޖުމްލަވަނީ 51213އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް 4263 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 189 މީހަކު ވަނީ ނިޔާވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 172 ދިވެހިންނާއި 17 ބިދޭސީންނެވެ.

ވޭތުވެދިޔަ މަހުގެ ތެރޭގައި ދުވާލެއްގެ ތެރޭގައި ބައްޔަށް ހުށައެޅޭ މީހުންގެ ޢަދަދުތައް ހާހުން މަތީގައިހުރި ނަމަވެސް ރައްކާތެރިކަމަށްޓަކާ މާލެއާއި އަތޮޅުތެރޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ޢަދަދުތައްވަނީ ދަށަށް ދާން ފަށާފައެވެ. އަދި މިފިޔަވަޅުތައް މިހާރުވަނީ އިތުރު އެއް ހަފްތާއަށް އިތުރުކޮށްފައެވެ.