ރާއްޖެއިން އިތުރު 341 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 69213 އަށް އަރާފައެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 341 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 160 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 153 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 28 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 69،213 އަށްވަނީ އަރާފައެވެ.
މެއި މަސް ނިމުނުއިރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 24000އިން މަތީގައި ހުރިނަމަވެސް، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދުވަނީ ދަށްވާން ފަށާފައެވެ. އަދި ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ ޢަދަދު ވަނީ 15621 އަށް ދަށްވެފައެވެ.
ރާއްޖޭގައި މި ބަލީގަ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ދަށަށް ގޮސްފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 146އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2179 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 53392 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް 5190 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 191 މީހަކު ވަނީ ނިޔާވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ.