ރާއްޖޭގައި މިއަދު 859 މީހަކު ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖެއިން ޖުމުލަ 175118 މީހަކު މިވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 859 މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަކޮށްފައިވަނީ 273 މީހުންނެވެ. ރަށްރަށުގައި586 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 175118އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 511 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 79 މީހަކާއި، އަތޮޅުތަކުގައި ފުރަތަމަ ޑޯޒް ޖެހި 432 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 313،085އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމެއް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ކޮވިޝީލްޑް ވެކްސިން މިވަގުތު ރާއްޖޭގައި ހުސްވެ ވެކްސިން ލިބުން ދަތިވެފައިވާތީ މިވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ދެވަނަ ޑޯޒުޖެހުމަށް މަޑުކުރާ މީހުންނަށް ވެކްސިން ފުރަތަމަ ޑޯޒް ޖެހިތާ ހަމަސްތެރޭގައި ވެކްސިންޖެހޭނެކަމަށް ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ރާއްޖެއިން މިހާރުވަނީ ނިންމާފައެވެ. ކޮވިޝީލްޑް ވެކްސިން އުފެއްދުން ހުއްޓިފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ވެކްސިން ތައިލެންޑުން ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން އަންނަމަމަހުގެ ތެރޭގައި އެސްޓްރަޒެނަކާގެ ފަސްލައްކަ ވެކްސިންޑޯޒް ލިބޭނެކަމަށާއި މިމަހުގެ ތެރޭގައި އެމެރިކާއިން ފޯރުކޮށްދޭ ވެކްސިން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.