ދުނިޔޭގެ ވިޔަފާރި

ޓެކްނޮލޮޖީއާބެހޭ ބިލެއް އެމެރިކާއިން ފާސްކޮށްފި


ޗައިނާގެ ޓެކްނޮލޮޖީއާ ވާދަކުރުމަށް ޓެކްނޮލޮޖީއާބެހޭ ބިލެއް އެމެރިކާއިން ފާސްކޮށްފިއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި މި ބިލަކީ ޓެކޮނޮލޮޖީ ކުރިއެރުވުމަށް ބައިނަލްއަޤުވާމީ ގޮތުން، ޚާއްޞަކޮށް ޗައިނާއާ ވާދަކުރުމުގެ ގޮތުން އެމެރިކާގެ ޓެކްނޮލޮޖީ ރިސާރޗް އެންޑް ޕްރޮޑަކްޝަންއަށް ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ. އެހެނިހެން އެތައް މައްސަލަތަކެއްގައި ދެބަސްވާ ރިޕަބްލިކަނުންނާއި ޑިމޮކްރެޓުންވެސް ވަނީ މި ބިލް ފާސްކުރުމަށް އެއްބަސްވެފައެވެ. އަދި ސެނަޓަށް މި ބިލު ދިއުމުގެ ކުރިން ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ބިލް ފާސްވާން ޖެހެއެވެ.

މިކަމަށް ތާޢިދުކުރާ ފަރާތްތަކުން ބުނާގޮތުގައި މި ބިލަކީ ޞިނާޢީ ބިލްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިލުކަމަށާއި މިއީ އަހަރުތަކަކަށްފަހު ސައިންޓިފިކް ރިސާރޗަށް މިހާބޮޑު ޚަރަދެއްކުރާ ފުރަތަމަ ފަހަރުކަމަށެވެ.

މި ބިލުގެ ސަބަބުން މުސްތަޤުބަލުގައި ޓެކްނޮލޮޖީގެ ސިނާޢަތުގައި އެމެރިކާއަށް އެހެން ޤަޢުމުތަކާއި ވާދަކުރެވޭނެކަމަށް މެޖޯރިޓީ ލީޑަރު ވިދާޅުވިއެވެ.

ޓެކްނޮލޮޖީއާބެހޭ ދިރާސާތައް ކުރުމާއި، ސެމީ ކޮންޑަކްޓަރ ތަރައްޤީކުރުމާއި އުފެއްދުން އަދި ރޮބޯޓާއި ޗިޕް އުފައްދާ ފަރާތްތަކަށް ދޭ ސަބްސިޑީވެސް ދިނުމަށް ގާތްގަޑަކަށް 250 ބިލިއަން ޑޮލަރުގެ މި ޕެކޭޖުން ހުއްދަކުރާނެއެވެ.

މީގެއިތުރުން ޗައިނާއިން އުފައްދާފައިވާ ސޯޝަލް މީޑިއާ އެޕް ޓިކްޓޮކް ސަރުކާރުގެ އާލާތްތަކަށް ޑައުންލޯޑް ކުރުމާއި ޗައިނާ ސަރުކާރުގެ ޑްރޯން އުފައްދާ އަދި ވިއްކާ ކުންފުނިތަކުން ޑްރޯންގަތުންވެސް މި ބިލުގައި ވަނީ މަނާކޮށްފައެވެ. ބިލް ފާސްވުމާއެކު އެމެރިކާއަށްދޭ ސައިބަރ ހަމަލާތަކާއި އެމެރިކާގެ އުފެއްދުންތަކުން ވައްކަންކުރުމާ ގުޅުންހުރި ޗައިނާގެ ކުންފުނިތަކަށް އަދަބު ދެވޭނެއެވެ.

އެމެރިކާ އަދި ޗައިނާއިން ވަނީ މިދިޔަ މަހު ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތަކާއި ބެހެގޮތުން ވާހަކަދައްކާފައެވެ. އަދި މީގެކުރިން ޗައިނާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިފާ ހިތްހަމަނުޖެހުންތައް ނައްތާލައި އަލުން ވާހަކަތައް ފެށުމަށް ދެ ޤައުމުންވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި ބިލު ފާސްކުރުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑައިން ވަނީ މަރުޙަބާ ކިޔާފައެވެ.