ތަޢުލީމު

އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހި ކިޔަވާ ކުދިންނަށް އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމާގުޅޭގޮތުންނާއި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ހޯލީއާއެކު ވަރޗުއަލްކޮށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އިސްވެރިންނާއެކު އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާއި ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދެމުންދާ ފުރުސަތުތައް އިތުރު ކުރުމާއި، ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ފުރުސަތު އިތުރުކުރުމާއި އަދި އިތުރު 1 ފުލް ސްކޮލަރޝިޕް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުން ހިމެނެއެވެ. އަދި އޮސްޓްރޭލިއާ އެވޯޑްސްއާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކާއެކު ޕާޓްނަރޝިޕް ޕްރޮގްރާމެއްގެ ދަށުން ޔުނިވަރސިޓީތަކުން ޓިއުޝަން ފީ ހިލޭ ވުމުން ދިވެހި ސަރުކާރުން ދަރިވަރުންގެ ލިވިންގް އެލަވަންސްއަށް ޚަރަދު ކުރާގޮތަށް ޕްރޮގްރާމްއެއް ފެށުމަށްވެސް މަޝްވަރާކުރައްވާފައިވެއެވެ.

ހަމައެހެންމެ އޮސްޓްރޭލިއާ ޔުނިވަރސިޓީތަކުގައި ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމަށް އެޑިޔުކޭޝަން ފެއަރ އެއް ބޭއްވުމާއި، ކޯވިޑްގެ ޙާލަތް މެދުވެރިވުމާއިއެކު ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ބޭނުންތެރިކަން ފާހަގަވެފައިވުމާއިއެކު، އެ ދާއިރާއިން ގްރޫޕް ޓްރެއިނިންތައް ހެދުމަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުސަތުތައް ބަލައިދިނުމަށް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.


މީގެ އިތުރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ރާއްޖޭގެ އެކި ކަންކޮޅުގައި ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރ އަދި ޕޮލިޓެކްނިކް ކެމްޕަސްތައް ޤާއިމްކޮށް ހިންގުމުގެ ފުރުޞަތުތައް ހުޅުވިފައި އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ އޮސްޓްރޭލިއާގެ ޔުނިވަރސޓީތަކާއި އިންވެސްޓަރުންނަށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންވެސްޓްކުރަން ލިބޭ ރަނގަޅު ފުރުޞަތެއްކަމާއި، ޚާއްސަކޮށް ހޮސްޕިޓަލިޓީ ފަދަ ސްކޫލްތައް ރާއްޖޭގައި ހިންގުމަކީ ދެ ޤައުމަށްވެސް ފައިދާ ހުރިކަމެއްކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ދެއްކެވި ވާހަކަފުޅުގައި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކާއި އޮސްޓްރޭލިއާގެ އެޑިޔުކޭޝަން ސިސްޓަމަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ، އިތުބާރު ބޮޑު ސިސްޓަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ލިބިގެން ދަސްވެނިވެފައިވާ ފަރާތްތައް ރާއްޖޭގެ މަސައްކަތުގެ މާޙައުލުގައި ޤައުމު ބިނާކޮށް ތަރައްޤީ ކުރުމުގެ އަގުހުރި މަސައްކަތުގައި މިހާރުވެސް ތިބިކަން ފާހަގަކުރައްވާ އެކަމަށްޓަކާ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑޭވިޑް ހޯލީ ދެއްކެވި ވާހަކައިގައި ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށާއި މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ދިވެހި ސަރުކާރާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ކުރަމުންދަނީ ބުރަ އަދި އަގުހުރި މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާނެކަމަށާއި އަދި މަޝްވަރާ ކުރެވުނު ކަންތައްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.