ޚަބަރު

މިސަރޖްގަ ނިޔާވި 21 މީހުންނަކީ ދާއިމީ ބައްޔެއް ނެތް މީހުން


ކޯވިޑްގެ މިސަރޖްގަ ނިޔާވި މީހުންގެ ތެރެއިން 21 މީހުންނަކީ ދާއިމީ އެއްވެސް ބައްޔެއް ނެތް މީހުން ކަމަށް އެޗްއީއޯސީން ބުނެފިއެވެ. ވޭތުވެދިޔަ 5 ހަފްތާގައި ކޯވިޑް ބަލީގަ 111މީހުންވަނީ ނިޔާވެފައެވެ.

ވޭތުވެދިޔަ 5 ހަފްތާއަކީ ކޯވިޑް-19ގަ ދިވެހިންނަށް ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތަކެވެ. ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އަދި ލޯބިވާ އާއިލާގެ އެތައް ބަޔަކު މިދުނިޔެއާ ވަކިވެގެން ދިޔައެވެ.

އޭޕްރީލް މަހުގެ 28ވަނަ ދުވަހުން ފެށިގެން ޖޫން 5އާ ހަމައަށް ފާއިތުވި 5 ހަފްތާގައި ޖުމްލަ 111މީހުން ކޯވިޑް ޖެހިގެން ނިޔާވިއެވެ.
ބަލީގަ ބޮޑުވަރުވެ ނިޔާވި ގިނަ މީހުންނަކީ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދި މީހުންނެވެ. ނިޔާވި މީހުންގެ %80އަކީ މިގޮތަށް ދާއިމީ ކޮންމެވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނެވެ. އެގޮތުން ދާއިމީ އެއް ބަލި ތަޙައްމަލް ކުރި މީހުންނާއި އެއްފަހަރާ 5 ބާވަތުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންވެސް ހިމެނެއެވެ.

ނިޔާވި ގިނަ މީހުންނަކީ 2 ބާވަތުގެ ބައްޔަށްވުރެ ގިނަ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންނެވެ. އެޗްއީއޯސީން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ނިޔާވި މީހުންގެ %27.9އަކީ ދެ ބާވަތުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. ތިން ބާވަތުގެ ބައްޔަށް %20.7 މީހުން ފަރުވާ ހޯދަމުންދިޔައެވެ. އަދި އެއް ބާވަތުގެ ބައްޔަށް %19.8މީހުން އަދި 4 ބާވަތުގެ ބައްޔަށް ފަރުވާ ހޯދި %8.1 މީހުންނާ، 5 ބާވަތުގެ ބައްޔަށް ފަރުވާ ހޯދި %3.6 މީހުން ހިމެނެއެވެ. ނިޔާވި ގިނަ މީހުންނަކީ ލޭމައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީ ބަލި ނުވަތަ ސްޓްރޯކްފަދަ ބަލިތަކުގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

ހެލްތު އިމަރޖެންސީ ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަޙުމަދު ޝަހީދު ވިދާޅުވީ ބަލީގަ ނިޔާވި %18.9 މީހުންނަކީ ދާއިމީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން ނުދާ މީހުންކަމަށެވެ. އެއީ 21 މަރެވެ.

"ޖުމްލަކޮށް ބަލާއިރު ނިޔާވި %60މީހުންނަކީ ދާއިމީ 2 ބައްޔެއް ހުންނަ މީހުން. ލޭމައްޗަށް ދިއުމާ ހަކުރުބަލި އަދި ކިޑްނީ ބަލި ފާހަގަކުރެވޭ. ރެކޯޑްތަކަށް ބަލާއިރު އެއްވެސް ބައްޔަކަށް ފަރުވާ ނުހޯދާ މީހުންވެސް އެބަތިބި. ދޭން ބޭނުންވާ މެސެޖަކީ ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ހުންނަ މީހުން ސަމާލްކަން ދޭންޖެހޭ ވަރު އިތުރުކަން. އަދި މިފަދަ މީހުން ތިބި އާއިލާތަކުންވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަން." ޑރ.ޝަހީދު ވިދާޅުވިއެވެ.

ނިޔާވި މީހުންގެ %60 އަކީ ފިރިހެނުންނެވެ. އަދި %40 އަކީ އަންހެނުންނެވެ. ޑރ.ޝަހީދު ވިދާޅުވީ މިއީ އެހެން ޤައުމުތަކުގައިވެސް ފެންނަމުންދާ ޓްރެންޑްކަމަށެވެ.

ވަކިވަކި އުމުރުފުރާއަށް ބަލާއިރު 80އަހަރުން މަތީގެ 31 މީހުންނާއި، 65 އަހަރާ 80 އަހަރާ ދެމެދުގެ 37 މީހުންނާއި، 40 އަހަރާ 64 އަހަރާ ދެމެދުގެ 35 މީހުންނާއި 40 އަހަރުން ދަށުގެ 8 މީހުން މިސަރޖްގައި ނިޔާވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ސަރޖްގައި ނިޔާވި 111މީހުންގެ ތެރެއިން 68 މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ޖަހާފައި ނުވާކަމަށެވެ. 24 މީހުންވަނީ އެއް ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށާއި މީގެތެރެއިން 8މީހުންނަކީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.