ޚަބަރު

އެއް ދުވަހަށްފަހު ކޯވިޑްގެ އިތުރު މަރެއް


ކޯވިޑް ބަލީގައި އުމުރުން 60 އަހަރު އަންހެނަކު ނިޔާވެއްޖެއެވެ. މި މީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލިގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއަދު މިބަލީގައި ނިޔާވެފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރުގެ ދައްތައެވެ. ސަމީރު ވިދާޅުވީ ދައްތަ ކޯވިޑަށް ޕޮޒިޓިވްވެ އެ ބަލީގެ ފަރުވާ ހޯދަމުން ގެންދާތާ 21 ދުވަސްވެފައިވާކަމަށެވެ.

މި މަރާއި އެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ ދުއިސައްތައާއި ގާތްކޮށްފައެވެ. މިހާތަނަށް 192 މީހުން ރާއްޖެއިން ނިޔާވިއިރު އޭގެތެރޭގައި ހިމެނެނީ 175 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި ރާއްޖޭގެ ހާލަތު މިދިޔަ މަހު ގޯސްކޮށް އޮތުމަށްފަހު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މިދިޔަ މޭމަހު ދުވާލަކަށް ކޯވިޑް ޖެހޭ މީހުންގެ އަދަދު 1000 މަތީގައި 19 ދުވަހު ހުއްޓެވެ. އަދި މަހުގެ 20 ވަނަ ދުވަހު މިއަދަދު ވަނީ 2000 މައްޗަށްވެސް އަރާފައެވެ. މޭމަހު ކޯވިޑްގެ ހާލަތު ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުން މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އައިސް މިހާރުވަނީ އަދަދުތައް 500 އިން ދަށަށް ވެއްޓިފައެވެ.