އެމެރިކާއާއި ޓައިވާނުގެ ވިޔަފާރި އާއި އިންވެސްޓްމަންޓްތަކާއި ގުޅޭ ފްރޭމްވޯރކް އެއްބަސްވުމާއި ބެހޭގޮތުން މަޝްވަރާކުރުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ދެ ޤައުމުންވެސް އެއްބަސްވެއްޖެއެވެ.
މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ ކެތްރީން ތައިއާއި ޓައިވާނުގެ ވިޔަފާރިތަކާއި ބެހޭގޮތުން ވާހަކަތައް ދެއްކުމަށް ހަމަޖައްސާފައިވާ ޖޯން ޑެންގާއެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމުގައި ކެތްރީންގެ އޮފީހުން ބުނެއެވެ.
އެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ މި ބައްދަލުުވުމުގައި އެމެރިކާއާއި ޓައިވާނުގެ ވިޔަފާރީގެ ގުޅުމުގެ މުހިންމުކަމުގެ ވާހަކައާއި އެމެރިކާގެ ވޯކަރ ސެންޓާރޑް ޓްރޭޑް ޕްރިއޯރިޓީޒް އާއި ބެހޭގޮތުން ޓައިވާނުގެ އެމްބެސެޑަރ ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި މިވާހަކަތަކަކީ ހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިޔަ ވާހަކަތަކެއްކަމަށް ޖޯން ގެ އޮފީހުގެ ބަޔާނުގައިވެއެވެ.
ހުއްޓުމަކަށް އައިސްފައި އޮތް އެމެރިކާ ޓައިވާނު ވިޔަފާރީގެ ވާހަކަތައް އަލުން ފަށާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން އިޝާރާތްކުރެއްވުމާއި ގުޅިގެން ޓައިވާނުން ދަނީ ދެ ޤައުމުގެ އިސް އޮފިޝަލުންނާއެކު ވާހަކަތައް ދެކެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރަމުންނެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ރިޔާސަތުގައި ހުއްޓުމަކަށް އައިސްފައިވާ ދެ ޤައުމުގެ ވިޔަފާރީގެ ވާހަކަތައް އަލުން ފެށުމަށް ޓައިވާނުންވަނީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކޮށްފައިކަމުގައި ޚަބަރުތައް ބުނެއެވެ. މިގޮތުން އިންވެސްޓްމެންޓް ފްރޭމްވޯރކް އެގްރީމެންޓުގެ ވާހަކަތައް މިއަހަރު ފަށާނެކަމަށް އުންމީދުކުރައްވާކަމަށް ޓައިވާނުގެ އިޤްޠިޞާދާއިބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ވާހަކަތައް ކުރިއަށްގެންދާނެ ސީދާ ވަގުތެއް އެމެރިކާއިން އަދި ހާމައެއްނުކުރެއެވެ.
އެމެރިކާގެ އެންމެފަހުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އެއް އިޤްޠިޞާދު އޮންނަ ޗައިނާއާއި މެދު އަޅާފައިވާ ޓެކްސްގެ ފިޔަވަޅުތަކުގެ ސަބަބުން ޓައިވާނާއެކު އެމެރިކާއިން ޤާއިމުކުރާ މި އެއްބަސްވުމާއި މެދު ޗައިނާއިން ހިތްހަމަނުޖެހުން ފާޅުކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.