އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ކުޑަކުދިންގެ ޢަދަދު 160 މިލިއަނަށް އިތުރުވެފައިވާކަމަށް އދ އިން ބުނެފިއެވެ.
ކޯވިޑްގެ ބަލިމަޑުކަމާއިހެދި މި ޢަދަދު ކުރިއަށްއޮތްތަނުގައި އިތުރުވެގެން ދާނެކަމުގައިވެސް ޔޫއެން އިން ބުނެއެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 8.4 މިލިއަން ކުޑަކުދިންނަށް މަސައްކަތްކުރަން މަޖުބޫރުވެފައިވާއިރު ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަންނަ އަހަރު ނިމޭއިރު 9 މިލިއަން ކުޑަކުދިން މި ކަންތަކަށް ހުށަހެޅިގެންދާނެކަމުގައި ޔުނިސެފް އަދި އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. މިއާއެކު އިޖްތިމާޢީ ރައްކާތެރިކަން އަވަސްގޮތެއްގައި ލިބޭނެގޮތެއް ނެތްނަމަ ޙާލަތު އެންމެ ގޯސްވެގެން ދާއިރު މި ޢަދަދު 46 މިލިއަނަށް އަރައިގެން ހިނގައިދާނެކަމުގައިވެސް އައިއެލްއޯއިން ތައްޔާރުކޮށްފައިވާ މޮޑެލްއަކުން ދައްކައެވެ.
ފަހުގެ މި ލަފާކުރުންތަކަކީ އަހަރުމެން ހޭލަންވެއްޖެކަމުގެ ނިޝާނެއްކަމާއި އަނެއްކާވެސް އައު ޖީލެއް މި ނުރައްކާތެރިކަމަށް ހުށަހެޅުމަށް ފުރުޞަތު ދީގެން ނުވާނެކަމުގައި އައިއެލްއޯގެ ޑިރެކްޓަރ ޖެނެރަލް ރައިޑަރ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ފަޤީރުކަން ނައްތާލައި ކުޑަކުދިން ލައްވައި މަސައްކަތްކުރުވުން ހުއްޓުވަން ވީ ވަގުތުކަމުގައިވެސް ރައިޑަރ ވިދާޅުވިއެވެ.
އެކިއެކި ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ވަނީ ކުޑަކުދިންލައްވާ މަސައްކަތްކުރުވުން ހުއްޓުމަކަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ސަބަބުން 2000 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިންލައްވާ މަސައްކަތްކުރުވާ ޢަދަދު ވަނީ 94 މިލިއަނަށް ތިރިވެފައިކަމުގައި އައިއެލްއޯގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު ދުވަސްތެރޭގައި އަނެއްކާވެސް މި ޢަދަދުތައް ވަނީ އިތުރުވާންފަށާފައެވެ.
އައިއެލްއޯގެ ރިޕޯޓުން ދައްކާގޮތުގައި ފަސް އަހަރާއި އެގާރަ އަހަރުގެ މަސައްކަތް ކުރާ ކުޑަކުދިންގެ ޢަދަދު މުޅިދުނިޔޭގައި މަސައްކަތްކުރުވާ ކުދިންގެ ޖުމްލަ ޢަދަދުގެ ދެބައިކުޅައެއްބައަށްވުރެ ގިނައެވެ. އަދި އެކުދިންގެ ސިއްޙައްތަށާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ މަސައްކަތްތައް ކުރާ ފަސް އަހަރާއި ސަތާރަ އަހަރުގެ ކުދިންގެ ޢަދަދު 2016 ވަނަ އަހަރަށްފަހު ވަނީ 6.5 މިލިއަނުން 79 މިލިއަނަށް އިތުރުވެފައެވެ. ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ކުޑަކުދިންގެ ޢަދަދު 112 މިލިއަނަށް އަރައެވެ.
ސަބް ސަހާރަން އެފްރިކާގެ އާބާދީތަކުގައި ފަޤީރުކަން އިންތިހާއަށް އިތުރުވެ އިޖްތިމާޢީ ރައްކާތެރިކަން ނެތުމުގެ ސަބަބުން އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިތުރު 16.6 މިލިއަން ކުޑަކުދިން ވަނީ މަސައްކަތްކުރަން ފަށާފައެވެ.
މީގެއިތުރުން އޭޝިއާ ޕެސިފިކް، ލެޓިން އެމެރިކާ އަދި ކެރީބިއަނުން މިކަމުގައި ހޯދާފައިވާ ކުރިއެރުމަށް މި ބަލިމަޑުކަމުގެ ސަބަބުން ބިރުވެރިކަން އެބަ އޮތް ކަމަށް އައިއެލްއޯ އަދި ޔުނިސެފުން ދަނީ އިންޒާރުދެމުންނެވެ.
ކޯވިޑްގެ ބަލިމަޑުކަމާހެދި ސްކޫލްތައް ބަންދުވެ އިޤްޠީޞާދު ހީނަރުވެފައިވާތީ ކުޑަކުދިން މަސައްކަތްކުރަން ފޮނުވުމަށް ޢާއިލާތަކަށް ވަނީ މަޖުބޫރުވެފައެވެ.
ފަސް އަހަރާއި އެގާރަ އަހަރާއި ދެމެދުގެ ގާތްގަޑަކަށް 28 އިންސައްތަ ކުދިން އަދި ބާރަ އަހަރާއި 14 އަހަރުގެ 35 އިންސައްތަ މަސައްކަތްކުރާ ކުދިންނަކީ ސްކޫލަށް ނުދާ ކުދިން ކަމުގައިވާއިރު އެކިކަހަލަ ޕްރޮގްރާމްތަކަށް އިންވެސްޓްކޮށް ކުދިން އަލުން އަނބުރާ ސްކޫލަށް ފޮނުވުމަށް ސަރުކާރުތަކަށާއި ބައިނަލްއަޤުވާމީ މާލީ ޖަމިއްޔާތަކަށް ޔުނިސެފުންނާއި އައިއެލްއޯ އިން ވަނީ ގޮވާލާފައެވެ.
ކުޑަކުދިންނަށް ދޭ ޢިނާޔަތްތައް އިތުރުކުރުމަށާއި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޔޫއެން އިންވެސް ވަނީ ޤައުމުތަކަށް ގޮވާލާފައެވެ.