ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ޓައިވާނުން ވިޔަފާރީގެ ވާހަކަތައް ފެށުމުގެ މަގުމަތީގައި


އެމެރިކާއާއި ޓައިވާނުގެ ވިޔަފާރި އާއި އިންވެސްޓްމަންޓްތަކާއި ގުޅޭ ފްރޭމްވޯރކް އެއްބަސްވުމާއި ބެހޭގޮތުން މަޝްވަރާކުރުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ ކެތްރީން ތައިއާއި އަދި ޓައިވާނުގެ ވިޔަފާރިތަކާއިބެހޭގޮތުން ވާހަކަތައް ދެއްކުމަށް ހަމަޖައްސާފައިވާ ޖޯން ޑެންގާއެކު ދެ ޤައުމުގެ ވިޔަފާރިތަކުގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ވާހަކަދެއްކުމަށް ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުވުމެއްގައި ކަމުގައި ކެތްރީންގެ އޮފީހުން ބުނެއެވެ.

ޓައިވާނުގެ ވިޔަފާރިތަކާއިބެހޭގޮތުން ވާހަކަތައް ދެއްކުމަށް ހަމަޖައްސާފައިވާ ޖޯން ޑެން އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން އެމެރިކާއާއި ޓައިވާނުގެ ވިޔަފާރީގެ ގުޅުމުގެ މުހިންމުކަމުގެ ވާހަކައާއި އެމެރިކާގެ ވޯކަރ ސެންޓާރޑް ޓްރޭޑް ޕްރިއޯރިޓީޒް އާއި ބެހޭގޮތުން ޓައިވާނުގެ އެމްބެސެޑަރ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މިވާހަކަތަކަކީ ހަމަހަމަކަމާއެކު ހަރުދަނާގޮތެއްގައި ކުރިއަށްގެންދިޔަ ވާހަކަތަކެއްކަމަށް ޖޯން ގެ އޮފީހުންވަނީ ބުނެފައެވެ.

ހުއްޓުމަކަށް އައިސްފައިއޮތް އެމެރިކާ ޓައިވާނު ވިޔަފާރީގެ ވާހަކަތައް އަލުން ފަށާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން އިޝާރާތްކުރެއްވުމާއި ގުޅިގެން ޓައިވާނުން ދަނީ ދެ ޤައުމުގެ އިސް އޮފިޝަލުންނާއެކު ވާހަކަތައް ދެކެވޭނެކަމަށް ވަރަށްބޮޑަށް އުންމީދުކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ރިޔާސަތުގައި ހުއްޓުމަކަށް އައިސްފައިވާ ދެ ޤައުމުގެ ވިޔަފާރީގެ ވާހަކަތައް އަލުން ފެށުމަށް ޓައިވާނުންވަނީ ވަރަށް ގިނަދުވަހުގެ އިންތިޒާރެއް ކޮށްފައިކަމުގައި ޚަބަރުތައް ބުނެއެވެ. މިގޮތުން އިންވެސްޓްމެންޓް ފްރޭމްވޯރކް އެގްރީމެންޓުގެ ވާހަކަތައް މިއަހަރު ފަށާނެކަމަށް އުންމީދުކުރައްވާކަމަށް ޓައިވާނުގެ އިޤްޠިޞާދާއިބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ވާހަކަތައް ކުރިއަށްގެންދާނެ ސީދާ ވަގުތެއް އެމެރިކާއިން އަދި ހާމައެއްނުކުރެއެވެ.

އެމެރިކާގެ އެންމެފަހުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އެއް އިޤްޠިޞާދު އޮންނަ ޗައިނާއާއި މެދު އަޅާފައިވާ ޓެކްސްގެ ފިޔަވަޅުތަކުގެ ސަބަބުން ޓައިވާނާއެކު އެމެރިކާއިން ޤާއިމުކުރާ އެއްބަސްވުމާމެދު ޗައިނާއިން ހިތްހަމަނުޖެހުން ފާޅުކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.